12 Mar 2018, 19:38
އިންޑިއާ ގައުމީ ޓީމު، އަދި ބެންގަލޫރު އެފްސީގެވެސް ކެޕްޓަން ސުނިލް ޗެތުރީގެ ހެޓްރިކާއެކު ޕޫނޭ ސިޓީ އެފްސީ ބަލިކޮށް ބެންގޫރު އެފްސީން އިންޑިއަން ސުޕަލީގުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަވޭ ލެގު 0-0ގެ ނަތީޖާއަކުން އެއްވަރުކޮށް ބެންގަލޫރު އެފްސީން އިއްޔެ ކުޅުނު ހޯމް ލެގު ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ބެންގަލޫރު އެފްސީންވަނީ ނުރައްކާ ކޮށްފައެވެ. އެގޮތުން ބެންގަލޫރު އެފްސީގެ ވާތް ފަޅިން ކުޅެމުންދިޔަ އުދަންތާ ސިންހްގެ ކުޅުން ފާހަގަކޮށްލެވުނެވެ.
މެޗުގެ ފުރަތަމަ ގޯލް، 15 ވަނަ މިނެޓުގައ ބެންގަލޫރު އެފްސީއަށް ކާމިޔާބުކޮށްދިނީ ޗެތުރީއެވެ. ޗެތުރީއަށް ގޯލް ތަނަވަސްކޮށްދިނީ އުދަންތާ ސިންހެވެ.
ފުރަތަމަ ހާފްގައި ޕޫނޭ ސިޓީންވެސްވަނީ ރަނގަޅު ދެ ހަމަލާއެއް އުފައްދައިފައެވެ. އެގޮތުން އެޓީމުގެ ޑިއޭގޯ ކާލޯސް އަދި މާކޯ ސްޓެންކޮވިޗްގެ ހަމަލާ ފާހަގަކޮށްލެވުނެވެ.
ދެވަނަ ހާފް ފެށިގެން 65 ވަނަ މިނެޓުގައި ބެންގަލޫރު އެފްސީއަށް ލީޑު ފުޅާކޮށްދިނީވެސް ޗެތުރީއެވެ. އޭނާ އެ ގޯލް ކާމިޔާބުކޮށްދިނީ ބެންގަލޫރު އެފްސީއަށް ލިބުނު ޕެނެލްޓީއަކުންނެވެ. މެޗުގެ 82 ވަނަ މިނެޓުގައި ޖޮނަތަން ލޫކާގެ ގޯލުން ޕޫނޭ ސިޓީން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް 89 ވަނަ މިނެޓުގައި ޗެތުރީވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
އިންޑިއާ ސުޕަލީގުގެ ޗެމްޕިއަން ޓީމު ކަނޑައަޅަނީ ލީގު ބުރު ނިމޭއިރު އެންމެ ގިނަ ޕޮއިންޓާއެކު އޮންނަ ގަދަ ހަަތަރެއްގެ މެދުގައި ސެމީގެ ދެ ލެގު އަދި ފައިނަލް ކުޅުމަށްފަހުގައެވެ.
ސުޕަލީގުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ އެތުލެޓިކޯ ޑި ކޮލްކަޓާއެކެވެ. އެޓީމަށް މިފަހަރުގެ ލީގު ބުރު ނިންމާލަން ޖެހުނީ ނުވަ ވަނައިގައެވެ.
ބެންގަލޫރު އެފްސީއާއި ޕޫނޭ ސިޓީގެ އިތުރުން މި ސީޒަންގައި ސުޕަލީގު ސެމީއަށް ދަތުރުކުރީ އެފްސީ ގޯއާ އަދި ޗެންނައިން އެފްސީއެވެ. ޗެންނައިން އަދި ގޯއާ ވާދަކުރި ފުރަތަމަ ލެގު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ ދެޓީމު ޗެންނައިން ދަނޑުގައި ކުޅޭ މެޗު އޮންނާނީ މާދަމާއެވެ.