ޗެމްޕިއަންސް ލީގު ކޮލިފައިންގެ ދެވަނަ ލެގުގައި މިރޭ އުދިނޭސީ އާއި އާސެނަލް ބައްދަލު ކުރާ މެޗުގައި ޓީމަށް އިރުޝާދު ދެވޭނެ ގޮތަށް ކޯޗް ވެންގާގެ ސަސްޕެންޝަން ޔޫއެފާއިން ފަސްކޮށްދީފި އެވެ.

އިތުރު ދެމެޗަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ޔޫއެފާއިން ކުރި ސަސްޕެންޝަން ފަސްކޮށްދިނުމަށް އެކުލަބުން އިއްޔެ ވަނީ އެދިފަ އެވެ.

ކޮލިފައިންގެ ފުރަތަމަ ލެގުގެ މެޗުގައި ސަސްޕެންޝަނުގައި ކުޅިބަލަން ހުރެ އާސެނަލްގެ އެސިސްޓެންޓް ކޯޗާއި މުޢާމަލާތު ކުރުމުން ޔޫއެފާއިން ވަނީ ދިހަ ހާސް ޔޫރޯގެ ޖޫރިމަނާ އަކާއެކު ދެމެޗަށް ވެންގާ ސަސްޕެންޑުކޮށްފަ އެވެ.

އާސެނަލްގެ ކޯޗްގެ ފުރަތަމަ ސަސްޕެންޝަން ފެށުނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ބައްދަލުކުރި މެޗުގައި ވެންގާގެ އަމަލުތައް ހުރިގޮތުންނެވެ.

ޗެމްޕިއަންސް ލީގު ފުރަތަމަ ލެގުގައި އާސެނަލް ސްޓޭޑިއަމްގައި އުދިނޭސީއާ ދެކޮޅަށް ކުޅުނު މެޗް 1-0 ން އާސެނަލްއިން ކާމިޔާބުކޮށްފައިވުމުން އާސެނަލްއިން މިރޭގެ މެޗަށް ނުކުންނާނީ ހަމަޖެހިލައިގެންނެވެ.

އާސެނަލްއަށް މެޗް އެއްވަރު ކޮށްލައިގެން ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވެވެން އޮތްއިރު އަމިއްލަ ދަނޑުގައި އުދިނޭސީއަށް މޮޅުވާން މަޖުބޫރުވާނެ އެވެ.

މިދެޓީމު މިރޭ ކުޅޭ ދެވަނަ ލެގު ފެށުމަށް ހަމަޖެހިފައި ވަނީ 23:45 ގައެވެ.