އިނގިރޭސި ގައުމީ ޓީމަށް ކާމިޔާބު ހޯދަދޭން ބޭނުންވާނަމަ އިނގިރޭސި ކުޅުންތެރިން އެހެން ގައުމުތަކުގެ ލީގުތަކުގައި ކުޅެން ޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ސްކޮޑުން އާއްމުކޮށް ފާހަގަކޮށްލެވެނީ އިނގިރޭސި ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ހާއްސަކޮށް ބޮޑެތި މުބާރާތްތަކަށް ގެންދާ ސްކޮޑުތަކުގައި ހިމެނޭނީ މުޅިންވެސް އިނގިރޭސި ވިލާތުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުގައި ބެކަމް އަދި އޮވެން ހާގްރީވްސް ހިމެނި ފަހުން ބޮޑު މުބާރާތެއްގެ ސްކޮޑުގައި ގައުމުން ބޭރު ލީގެއްގައި ކުޅޭ ކުޅުންތެރިއަކު ހިމެނިފައެއް ނުވެއެވެ. ބެކަމް އޭރު ކުޅުނީ ރެއާލް މެޑްރިޑަށެވެ. ހާގްރީވްސް ކުޅުނީ ބަޔާން މިއުނިކަށެވެ.

ގާޑިއޯލާ ބުނެފައިވަނީ ސްޕެއިން ގައުމީ ޓީމުން ހޭދަކުރި ކާމިޔާބު ދުވަސްތަކުގެ ފަހަތުގައި އެހެން ގައުމުތަކުގެ ލީގުތަކުގައި ކުޅުނު ކުޅުންތެރިންގެ ތަޖުރިބާގެ ހިއްސާ ބޮޑު ކަމަށެވެ.

"އިނގިރޭސި ލީގާއި އެހެނިހެން ލީގުތަކަށް އޭރު ކުޅުނު ސްޕެއިންގެ ކުޅުންތެރިން އެނބުރި ގައުމަށް އައިއިރު ތިބީ ވަރަށް ބޮޑަށް ކުރިއަރާފައި. ބޮޑެތި މުބާރާތްތަކަށް ލޯ ހުޅުވިފައި. ސުވާލަކީ އެގޮތަށް އިނގިރޭސިވިލާތަށް ފައިދާ ކޮށްފާނެތޯ؟ އަހަންނަށް ޔަގީން ކުރާނެކަން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ އިނގިރޭސި ކުޅުންތެރިންނަށް ގައުމުގައި މަޑުކުރުމަށް ބާރު އަޅާ އެއްޗަކީ މުސާރަ ކަމަށާއި، ޒުވާން ބައެއް ކުޅުންތެރިން މިވަގުތު ގައުމުން ބޭރުގައި ކުޅުނު ނަމަވެސް އެނބުރި އަންނަން ބޭނުންވަނީ އެހެންވެ ކަމަށެވެ.

އިނގިރޭސި ފުރަތަމަ ޑިވިޝަނަކީ ކިތައްމެ ވަރުގަދަ ލީގެއް ނަމަވެސް ދެވަނަ ޑިވިޝަން ވަރުގަދަ ނުކޮށް ގައުމީ ޓީމުތަކަށް އޭގެ ފައިދާ އެދެވޭ ގޮތުގައި ނުކުރާނެ ކަމަށްވެސް ގާޑިއޯލާ ފާހަގަކުރިއެވެ.

މީގެ ކުރިން ސްޕެއިންގެ ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގާޑިއޯލާގެ މިސްރާބު މި ސީޒަންގައި ހުރީ ފުރަތަމަ ލީގު ތަށްޓާ ދިމާއަށެވެ. ލީގު ތާވަލުގެ އެއްވަނައިގައި ބޮޑު ލީޑަކާއެކު ސިޓީ އޮތްއިރު ގާޑިއޯލާއަށް އޭނާގެ ފުރަތަމަ ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާއެވެ.