ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ހަދިޔާއެއްގެ ގޮތުގައި އިރާގުގައި 135،000 މީހުންގެ ޖާގައިގެ ފުޓްބޯޅަ ސްޓޭޑިއަމެއް އެޅުމަށް ނިންމައިފިއެވެ. އެ ސްޓޭޑިއަމް ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމަށެވެ.

މިވަގުތު ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމްއަކީ އުތުރު ކޮރެއާގެ "ރުންގްރާޑޯ މޭ ޑޭ ސްޓޭޑިއަމް"އެވެ. އެ ސްޓޭޑިއަމަކީ 114،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ދެވަނައަށް އެންމެ ބޮޑު، ސްޕެއިންގެ ބާސެލޯނާގެ "ކޭމްޕް ނޯ"އަކީ 99,354 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.

ސްޓޭޑިއަމް އެޅުމަށް ސަލްމާން ރަސްގެފާނު ނިންމެވީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗު 4-1 ލަނޑުގެ ނަތީޖާއަކުން އިރާގުން ކާމިޔާބުކުރުމުން، އެކަން ފާހަގަކުރުމުގެ ގޮތުން އިރާގަށް ދޭ ހަދިޔާއެއްގެ ގޮތުގައެވެ. އެ ސްޓޭޑިއަމް އެޅުމަށް ހަމަޖެހިފައިވަނީ އިރާގުގެ ބަގުދާދުގައި ކަމަށް އަރަބްނިއުސް އިން ބުނެއެވެ.

ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި އިރާގުގައި ފުޓްބޯޅައެއް ސްޓޭޑިއަމެއް އެޅުމަށް ހަމަޖެހިފައިވާކަން އިރުާގުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވެސް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

"ސައުދީ ރަސްގެފާނު ވަނީ ފޯނުން ގުޅުއްވާފައި. އިރާގުން ހޯދި ކާމިޔާބީ ފާހަގަކޮށް، މަރުހަބާ ދެންނެވި. އަދި އިރާގާއި ސައުދީގެ ގުޅުން ވަރުގަދަކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި. ދެ ގައުމުގެ ވިޔަފާރި، އިގުތިޞާދު، އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރުމަށް މަޝްވަރާކުރެއްވުމަށް ހުންނެވިކަން ފާހަގަކުރެއްވި،" އިރާގުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

"ރަސްގެފާނު ވަނީ ސައުދީގެ އެހީގައި އިރާގުގައި ބޮޑު ސްޓޭޑިއަމެއް އަޅައިދޭނެ ކަމަށްވެސް ވިދާޅުވެފައި. އެއީ 100،000 އަށްވުރެ ގިނަ މީހުންނަށް ވަދެވޭވަރުގެ ސްޓޭޑިއަމެއް. މިއަދު ވަނީ އެކަން ކެބިނެޓުން ވެސް ފާސްކޮށްފައި."

އިރާގުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްޓޭޑިއަމް، ބަސްރާ ސްޕޯޓްސް ސިޓީގައި ސައުދީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަށް އިރާގުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަދެފައިވެއެވެ. އިރާގުގެ ގައުމީ ސްޓޭޑިއަމަކީ 65،227 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.