ދުފުމާއި ސުޕާރީ ކެއުމަކީ ދިވެހިންގެ ކަށީގައި ޒަމާނުއްސުރެ ހިފާފައި ހުރި ކަމެކެވެ. ސިއްހަތަށް ގެއްލުން ހުރި ކަމެއް ނަމަވެސް ވާރުތަވަމުން އައި މި އާދައަކީ ކަށިން ފިލުވައި ނުލެވި އޮތް އާދައެކެވެ.

ޒުވާން ފުރައިގެ ކުދިންގެ މެދުގައި މޮޅު ދުފުންގަނޑަކަށް ވުރެ މަގުބޫލު އެެއްޗަކީ ސުޕާރީ އެވެ. ނަމަވެސް މި ފަހަކަށް އައިސް ސުޕާރީގެ އަގުބޮޑުވެގެން އެވާހަކަ ދައްކާ އަޑު ނީވޭ ދުވަހެއް ނުދެ އެވެ.

ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ސުޕާރީ ބްރޭންޑަކީ ރަސިލީ އެވެ. ޕާކިސްތާނުގެ މި އުފެއްދުން މީގެ ދެތިން އަހަރު ކުރިއަށް ބަލާއިރު ހެޔޮ އަގެއްގައި ލިބެން ހުއްޓެވެ. އެއީ އެއް ރުފިޔާ އަށް ހަތަރު ސުޕާރީ އެވެ.

ނަމަވެސް ފާއިތުވި އަހަރެއް، ދެ އަހަރެއްގެ ތެރޭ ސުޕާރީގެ އަގު ވަނީ ހީ ނުކުރާހާ މައްޗަށް އުފުލިފަ އެވެ. ރުފިޔާ އަކަށް ދެ ސުޕާރީ، ރުފިޔާ އަކަށް ސުޕާރީއެއް ވިއްކަމުންގޮސް ހަފްތާ ފެށުނު އިރު އިވިގެން ދިޔައީ ސުޕާރީ ޕެކެޓެއްގެ އަގު އެއް ރުފިޔާ އަށްވުރެ މައްޗަށް ދިޔަ ވާހަކަ އެވެ.

ސޯޝަލް މީޑިއާގައި ވެސް މިވާހަކަ ވަނީ ސިޔާސީ ވާހަކަތަކެކޭ އެއްގޮތަށް ވައިގައި ހިފައިފަ އެވެ. ސުޕާރީ އަށް ދެވި ހިފާފައި ތިބި މީހުންގެ މޫނު މަތިން މާޔޫސްކަން ފެންނައިރު، ދިވެހި ޒުވާނުންތަކެއް ވަނީ ސުޕާރީ އަގުބޮޑުވުމުގެ މާޔޫސްކަން ލަވައެއްގެ ޒަރިއްޔާއިން ފާޅުކޮށްފަ އެވެ.

ރާޅުގަނޑު ބޮޑުބެރު ގުރޫޕުގެ ދަށުން ހިންގާ ދަ އިންކާ އިން ވަނީ ސުޕާރީގެ އަގު ތިރި ކުރުމަށް ގޮވާލާ ލަވައެއް ކިޔައިފަ އެވެ. ރާޅުގަނޑު ގުރޫޕުގެ މޭސްތިރިޔާ ހައްމާދު ރަޝީދު (ހަންޕު)ގެ ލިރިކްސް އަކަށް ތައްޔާރުކޮށްފައިވާ މި ލަވާގައި ވަނީ ސުޕާރީގެ އަގު ބޮޑުވުމުން ޒުވާނުންގެ ހިތުގެ އިހުސާސްތައް ލަވައިގެ ޒަރިއްޔާއިން ފާޅުކޮށްދީފަ އެވެ. ލަވަ ކިޔާފައި ވަނީ ވެސް ހަންޕު އެވެ.

މި ލަވަ އާ ގުޅޭ ގޮތުން ހަމްޕު ބުނީ މާލެ ތެރޭގައި މިހާރު އޮތް ހަލަބޮލިކަމާ، ސުޕާރީ އަގުބޮޑުވުމާ ގުޅުވާލާފައި ލަވައެއް ހެދީ ކަމަށާއި މިއީ "މަޖަލަކަށް" ހެދި ލަވައެއް ކަމަށެވެ.

އިންކާ ލައިންގެ ދަށުން މިފަދަ މައްސަލަތައް ކޮމެޑީ ސިފައެއްގައި އެހުންތެރިންނަށް އިވޭނެ ކަމަށް ހަމްޕު ބުންޏެވެ.