ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި، އެންޓި ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އެ ދެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހުން ބަލައިގަތީ، ހާޒިރުވެ ވަޑައިގެން ތިއްބެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.

ދެވަނައަށް ލީ ވޯޓަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު މަޖިލީހަށް ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ލީ ވޯޓުގައި ބައިވެރިވެވަޑައިގަތީ 35 މެމްބަރުންނެވެ. އެ ވޯޓުވެސް 35 މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ މަޖިލީހަށް ބަލައިގެންފައެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، އެންޓި ޑިފެކްޝަން ބިލު ބަލައިގަތުމުގެ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ، ދެ ބިލުވެސް މަޖިލީހަށް ބަލައިގެންފައިވާ އިރު، ދެ ބިލުވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާނެ ކަމަށެވެ.

މި ދެ ބިލަށްވެސް މަޖިލީހުގައި މިއަދު ހެނދުނު މެމްބަރުން ބަހުސް ކުރެއްވިއެވެ. އެ ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.