24 Aug 2011, 14:15
މަޖީދިއްޔާ ސްކޫލްގައި ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް 14 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ޔޫމަން ކޮންސްޓްރަކްޝަން ކުންފުންޏާއި އިސްލު އިންޖިނިއަރިން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރް މުހައްމަދު ޔޫސުފެވެ. އަދި ޔޫމަން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރް މުހައްމަދު ނަސީރެވެ.
ބާރަ ކްލާސްރޫމާއި 14 ފާހާނާއި މަލްޓިޕާޕާސްރޫމް، ހަތަރު ސްޓޯރޫމް އަދި ވުޟޫކުރާ ދެތަން ހިމެނޭ ހަތަރު ބުރީގެ މިއިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ކުރީގެ ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު ހުރި ބިމުގަ އެވެ. ނަމަވެސް އެއިމާރާތް ބިމުގެ ހަ މީޓަރު މަތިން ބުރިޖަކުން މަޖީދިއްޔާ ސްކޫލްގެ މިހާރުގެ އިމާރާތާ ގުޅާލާނެ ކަމަށާއި މަލްޓިޕާޕާސް ހޯލް ހުންނާނީ އެގޮތުން ގުޅުވާލާ ބްރިޖް މަތީ ( މަގުމަތީ)ގައި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރް މުހައްމަދު ޔޫސުފް ވިދާޅުވި އެވެ.
ޖުމްލަ 210 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާ އެ މަޝްރޫޢުގެ އަގަކީ 14.7 މިލިޔަން ރުފިޔާ އެވެ. މަސައްކަތާ ހަވާލުވި ފަރާތުން ބުނީ ބިން ހަވާލުކުރިހާ އަވަހަކަށް އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. މަޖީދިއްޔާ ސްކޫލަށް ބައެއް އިތުރުކުރުމުގެ ގޮތުން އަޅާ އިމާރާތް ކުރަހާފައި ވަނީ ހަންނާން ޔޫސުފް އާކިޓެކްޓްސް އިންނެވެ.