12 Mar 2018, 12:44
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އެންޓިޑިފެކްޝަން ބިލަށް މަޖިލީހުގައި ތިއްބަވާ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ތާއީދު ކުރައްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސްކޮށްފައިވާއިރު ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެންބަރުން ވިދާޅުވީ، މިފަދަ ބިލެއް އޮންނަންޖެހޭނެ ކަމަށެވެ. ނަމަވެސް މި ބިލު ފާސްކުރަންޖެހޭނީ ގާނޫނު އަސާސީއާ ތައާރުޒު ނުވާގޮތަށް ކަމަށް މެންބަރުން ވިދާޅުވިއެވެ.
ބިލު ހުށަހަޅުއްވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މި ބިލު ހުށަހަޅުއްވަނީ ޕީޕީއެމް މެނިފެސްޓޯގައި 2013 ގައި ވައުދު ވެފައިވާގޮތުގެ މަތިން ކަމަށެވެ. އެގޮތުން ރައްޔިތުން ތަމްސީލުކުރަން ޕާޓީތަކުން އިންތިހާބުވާ މެންބަރުން ރައްޔިތުންގެ ތާއީދާ ހިލާފުވެ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ގޮތަށް ގާނޫނު އިސްލާހުކުރަން ޕީޕީއެމް އިން 2013ގެ އިންތިހާބު ކެމްޕެއިން ތެރޭ ރައްޔިތުންނަށް ވައުދުވެފައިވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ މި ބިލު ފާސްވެ ގާނޫނަކަށް ވުމާއެކު ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. އެގޮތުން މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަނީ ރައްޔިތުން ކަމަށާއި މެޖޯރިޓީ ލިބޭނެ ޕާޓީއެއް ކަނޑައަޅަނީ ރައްޔިތުންގެ ވޯޓުން ކަމަށް ރިފާއު ވިދާޅުވިއެވެ.
"މި ބިލަކީ މެންބަރުންނަށް ކުރާ ތުހުމަތު ތަކުން ބަަރީއަވުމަށް އޮތް ފުރުސަތެއް،" ރިފާއު ވިދާޅުވިއެވެ.
ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، މަޖިލިސް މެންބަރުންގެ ގޮނޑިއާ ގުޅޭ އެއްވެސް ގަވައިދެއް ހެދުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދޭން ނުފެންނަ ކަމަށާއި، އެންޓި ޑިފެކްޝަން ބިލު ފާސްކުރާއިރު ފާސްކުރަންވާނީ އެފަދަ ފުރުސަތެއް ދޭން ނުޖެހޭނެ ގޮތަކަށް، ހުރިހާ މައްސަލަތަކަކަށްވެސް ހައްލު ލިބޭނެހެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުވާ މެންބަރުންނާމެދު ގޮތެއް ކަނޑައަޅާނެ ގާނޫނެއްވެސް ބޭނުންވާ ކަމަށެވެ.
ކޯލިޝަނުގެ ތެރެއިން ނެރޭ ކެންޑިޑޭޓަށް ވޯޓު ދެނީ ހަމައެކަނި އެ ކެންޑިޑޭޓެއްގެ ޕާޓީގެ މެންބަރުން ނޫން ކަމަށާއި ކޯލިޝަން އެހެން ޕާޓީތަކުގެ މެންބަރުން ވެސް އެ ކެނޑިޑޭޓަކަށް ވޯޓުދޭ ކަމަށް އާމިރު ވިދާޅުވިއެވެ. ކޯލިޝަން ގާނޫނެއް ހެދުމަށްފަހު އެންޓި ޑިފެކްޝަން ގާނޫނު އޮންނަން ޖެހޭނީ އެ ގާނޫނާ ރަށްޓެހިކޮށް ކަމަށް އާމިރު ވިދާޅުވިއެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ވިދާޅުވީ، މަލްޓި ޕާޓީ ސިސްޓަމެއްގެ ތެރެއިން ދައުރުވާ ދުވަސްވަރެއްގައި މިފަދަ ގާނޫނެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، ބިލާމެދު މެންބަރުންގެ ކަންބޮޑުވުން ހުރެދާނެ ކަމަށެވެ. އެގޮތުން ބިލު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ ހަދަންޖެހޭ ގަވައިދުތަކާއި އިޖުރާތްތައް ހަދަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުންކަމަށް ބިލުގައި ބުނެފައިވާ ބުނުމާމެދު އަބްދުރަހީމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ބިލުން އެ މާއްދާ އުނިކުރަން އަބްދުރަހީމް ވަނީ ހުށަހަޅުއްވައިފައެވެ. މި އިސްލާހަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގުވެސް ވަނީ ތާއީދު ކުރައްވައިފައެވެ.
ގާނޫނު އަސާސީއަށް ބަދަލު ނުގެނެސްވެސް މި ބިލު ފާސްކުރެވޭނެ ކަމަށް އަބްދުރަހީމް ވަނީ ވިދާޅުވެފައެވެ.
މި ބިލަށް ބަހުސްކުރައްވަމުން އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އެންޓި ޑިފެކްޝަން ގާނޫނު މީގެ ކުރިން އޮތްނަމަ ޕިޕީއެމް އަށް މަޖިލީހުގެ މެޖޯރިޓީ ނޯންނާނެ ކަމަށެވެ. މިފަދަ ގާނޫނެއް އޮތްނަމަ ޕީޕީއެމްގައި ތިބޭނީ 33 މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެންޓި ޑިފެކްޝަން ބިލު ކޮމެޓީއަށް ފޮނުވުމަށް މިއަދު ވޯޓަށް އަހާނެއެވެ.