12 Mar 2018, 15:41
މާލޭ ލީގުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗަށް ނުކުތްއިރު ތާވާލުގެ ފުލުގައި އޮތް ވިކްޓަރީން މެޗުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައި، ލީޑާއެކު ކުޅުމުންދިޔަ ނަމަވެސް ޓީސީން ވަނީ މެޗަށް އެނބުރި އައުމަށް މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި ޓީސީން ވަނީ ގޯލެއް ޖަހައި ކުޅުންވެސް ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް އެޓީމުން އުފެއްދި ހަމަލާތައް ކާމިޔާބު ވާގޮތެއް ނުވިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ވިކްޓަރީގެ ކޯޗު، ލާޒްލޯ ކިސް އޭނާގެ އިހުސާސްތައް ހިއްސާކުރީ ކުރިއެކޭވެސް އެއްގޮތަށް ކުރުކޮށް ފޮނިކޮށެވެ.
"އަހަރެންގެ ޓީމު ވަރަށް ރަނގަޅަށް މިރޭ ކުޅުނު. ޓެކްޓިކަލީ ވަރަށް ރަނގަޅަށް ދިޔައީ. ނަސީބެއް ނޫން މިއީ. މިއީ ފުޓުބޯޅަ. ވިކްޓަރީން ފުރަތަމަ ހާފުގައި ކުޅުނު ކުޅުން އަދިވެސް ފާހަގަކޮށްލަން،" ކިސްގެ ޕޯސްޓް މެޗު ޕްރެސް ނިންމާލިއެވެ.
މާލޭ ލީގުގައި ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން އެންމެ ޕޮއިންޓެއް ލިބުނު ޓީސީގެ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ) މެޗަށްފަހު ބުނީ ޓީސީގެ ކުޅުންތެރިންނަށް މެޗު ފަސޭހަކޮށްލެވުނީ ކަމަށާއި، ބައެއް ޒުވާން ކުޅުންތެރިން މެޗަށް ތައްޔާރު ނުވުމުން އެކަން ދެއްކި ކަމަށެވެ.
"ކުރީ ދުވަހުވެސް އައިތަން މިއީ ހަމަ. ސެޓުލްވާން ވަގުތު ނުލިބެނީސް، ބޮޑު ގޯހެއް ފެނިގެން މިދިޔައީ. ކައިރީގައި ކުޅުންތެރިޔާ އޮއްވާ، ބޯޅައަށް އުނދަގޫވެސް ކޮށްނުލައި ދިޔަ ދެ ބޯޅަ. ހަމަ އެއް ތަނަކުން މިދިޔައީ ދެ ބޯޅަވެސް. ކޮންމެ ދުވަހަކުވެސް މެޗުގެ ކުރީކޮޅުގައި ބަދަލެއް، އެއް ތަނަކުން ބަދަލު ގެންނަން މި ޖެހެނީ. އެއީ ހަމަ ވަރަށް ބޮޑު ގެެއްލުމެއް. މީގެ ހަމަ އެންމެ ބޮޑު މައްސަލައަކީ މި މެޗުތަކަށް ފަސޭހަކޮށް ނަގައިގެން ބައެއް ޖޫނިއާ ކުޅުންތެރިން ނުކުތުން. މެޗަށް ތައްޔާރު ނުވަނީ. މިއީ ދުވަހަކުވެސް ކޯޗިން ކެރިއަރުގައި ދިމާވި ކަމެއް ނޫން،" ނިޒާމްބެ ބުންޏެވެ.
ޓީސީން މެޗުގެ ނަތީޖާ އަނބުރާލަން ކުރި މަސައްކަތުގެ ތެރެއިން ދެވަނަ ހާފުގައި ކުޅެން ނުކުތް އިޝާން އިބްރާހީމް (ސައްޓު)ގެ ކުޅުން ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވިފައިވެއެވެ. އެންމެފަހުން ޓީސީ ކުޅުނު ދެ މެޗުގައިވެސް ފުރަތަމަ ހާފުގައި ބަދަލެއް ފެނިގެން ގޮސްފައިވާއިރު ނިޒާމްބެ ބުނެފައިވަނީ މެޗުގެ ފަހަށް އެ ބަދަލުކުރަން ފުރުސަތު ލިބޭ ނަމަ ޓީމަށް ތަފާތުތަކެއް ގެނެވޭނެ ކަމަށެވެ.
"ސައްޓު މެޗަށް ނުކުތްއިރު ވިކްޓަރީ އޮތީ ސޮހިފައި. ނުވެސް ކުޅެއޭ ބުންޏަސް ދޮގަކަށް ނުވާނެ ކަންނޭނގެ. އިތުރު ބަދަލަކަށް ފުރުސަތު އޮތްނަމަ ދެން ދަނޑަށް ނެރޭ ކުޅުންތެރިޔާވެސް ހަމަ އެވަރަށް ކުޅެލާނެ. އަނެއް ޓީމު ވަރުބަލިވެފައި އޮންނަ ގަޑީގައި ކޮންމެ ޕްލޭޔަރަކު ލިޔަސް ފައިދާ ފެންނާނެ. ސައްޓުއަކީ ތަޖުރިބާވެސް ހުރި ކުޅުންތެރިއެއް ވީމަ އެތަން އެ ފެނުނީ،" ނިޒާމްބެ ބުންޏެވެ.
މާލޭ ލީގުގައި ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ނިޒާމްބެ ބުނީ ލީގުގައި ފުރަތަމަ ކުޅުނު ތިން މެޗުން މޮޅެއް ނުލިބި އޮތް ނަމަވެސް އަދި ހާސް ނުވާ ކަމަށާއި، ދެ ބުރަށް ކުޅޭ ލީގެއްގެ ހަވަނައަށް އެރުމަށް އަދި ފުރުސަތު ނުގެއްލޭ ކަމަށެވެ.
މާލޭ ލީގުގައި ދެން ޓީސީ ނުކުންނާނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ. އެއީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރޭގައެވެ. އެދުވަހު ހަވީރު ވިކްޓަރީން ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ.