ޕައިލެޓުން ތަމްރީން ކުރުމަށް ސްކޯލާޝިޕް ފުރުސަތުތައް ހުޅުވާލަން ނިންމައިފިއެވެ.

މޯލްޑިވިއަންގެ 23 ވަނަ ފްލައިޓް ރާއްޖެ އައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އެއާކްރާފްޓް ތަކާއި ރާއްޖޭގެ އުދުހުންތައް އިތުރުވަމުންދާއިރު ޕައިލެޓުންގެ ޝޯޓޭޖް ކުޑަ ކުރުމަށް ސްކޯލާޝިޕްގެ ދަށުން ޕައިލެޓުން ތަމްރީން ކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

"އައިލެންޑްއޭވިއޭޝަން، ސިވިލް އޭވިއޭޝަން އަދި ޓޫރިޒަމް މިނިސްޓްރީ އާ މަޝްވަރާކޮށްގެން ޕައިލެޓުންނާއި، އެއާކްރާފްޓް އިންޖިނިއަރުންނާއި، ގްރައުންޑް ސްޓާފުންނަށް ބައިވެރިވެވޭގޮތަށް ސްކޯލާޝިޕްގެ ދަށުން ހިއުމަން ރިސޯސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ފަށަން ވަނީ ނިންމާފައި،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، ކެޕްޓަނުންނާއި ޕައިލެޓުންނަކީ ވަރަށް ގިނަ ދުވަހުގެ ތަޖުރިބާއާއެކު އެ މީހުންގެ ދާއިރާގައި މަސައްކަތް ކުރެވޭނެ ބައެއްކަމަށެވެ. އެގޮތުން، އެމީހުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ފަށައިފިނަމަ އެއާކްރާފްޓްތަކާއި ވައިގެ ދަތުރުތައް އިތުރުވުމުން އަންނަ ޝޯޓޭޖް ކުޑަކުރެވިގެންދާނެ ކަމަށެވެ.

ވައިގެ ދަތުރުތަކަށް ބޭނުންވާ ތަޖުރިބާކާރުން ތަމްރީން ކުރުމުގެ ސްކޯލާޝިޕަށް ކުދިން ހޮވަން، ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.