12 Mar 2018, 12:13
ކޮލަމްބޯ(މާޗް 12): ސްރީލަންކާގެ ކެންޑީގައި ހިނގި ދީނީ ހަމަނުޖެހުންތަކުގައި ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް 500،000 ރުޕީސް (3220 ޑޮލަރު) ދިނުމަށް އެގައުމުގެ ކެބިނެޓަށް ހުށަހަޅާނެ ކަމަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ކެންޑީއަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް އެޑިސްޓުރިކްޓަށް ވަޑައިގެންނެވި ވިކްރަމަސިންހަ ވަނީ ގެއްލުން ލިބުނު އާއިލާތަކަށް ވީހާވެސް އަވަހަކަށް އެއް ލައްކަ ރުޕީސް ދޭން އަމުރު ކުރައްވައިފައެވެ. އަދި އެ އާއިލާތަކަށް ދޭ ފައިސާގެ އަދަދު އިތުރުކުރަން ސަރުކާރުގެ ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ކެންޑީގެ ސެކިއުރިޓީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެ ޑިސްޓުރިކްޓުގައި ގެއްލުން ލިބުނު ގެތަކާއި، ވިޔަފާރި ކުރާ ތަންތަނާއި، އުޅަނދާއި މިސްކިތްތަކުގެ އަދަދު 465 އަށް އަރައެވެ. އޭގެ ތެރޭގައި 14 މިސްކިތް ހިމެނޭ ކަމަށް ވެސް ވިކްރަމަސިންހަ ވިދާޅުވި އެވެ.
ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ހަމަނުޖެހުންތައް ފެށުނީ ކެންޑީ ޑިސްޓުރިކްޓުގެ ތެލެދެނިޔާގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައި، ބުދު ދީނުގެ މީހަކު މަރުވުމުންނެވެ.
އަދި އޭގެ އަނެއް ދުވަހު ބުދިސްޓުންގެ ބަޔަކު ވަނީ ކެންޑީއަށް ގޮސް މުސްލިމުން ހިންގާ ވިޔަފާރިތަކާއި މިސްކިތްތަކުގައި ރޯކޮށްފައެވެ. އެ އަލިފާނުގެ ސަބަބުން 27 އަހަރުގެ މުސްލިމް ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި ބޮޑުވަޒީރު ވިކްރަމަސިންހަ ވަނީ އޭނާގެ އާއިލާއާ ބައްދަލުކުރައްވައިފައެވެ.
ކެންޑީ މިހާރު އާއްމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނި ނަމަވެސް އެގައުމުގައި އަދިވެސް އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.