24 Aug 2011, 14:03
އާސެނަލްއިން ހޯދުމަށް މަސައްކަތް ކުރާ ފްރާންސްގެ ލިލޭގެ މިޑްފީލްޑަރު އެޑިން ހެޒާޑް މިސީޒަނުގައި ކޮންމެ އަގެއްކިޔަސް ދޫނުކުރާނެ ކަމަށް އެކުލަބުގެ ކޯޗް ފްރެޑެރިކް ޕެކުއެޓް ބުނެފި އެވެ.
އާސެނަލުގެ މެދުތެރޭގައި އެންމެ އިސްދައުރެއް އަދާކުރަމުންދިޔަ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ބާސާއަށް ބަދަލުވެ، އެކުލަބުގެ ފްރާންސް މިޑްފީލްޑަރު ސާމިރު ނަސްރީ މެންސިޓީ އާއި ގުޅުމުގެ އެންމެ ފަހު މަރުހަލާގައި އުޅޭތީ ކޯޗް އާސެން ވެންގާއަށް ވަނީ މިޑްފީލްޑަރެއް ހޯދުމަށް އަވަސްވެ ގަންނަން ޖެހިފަ އެވެ.
އާސެނަލްއަށް ހޯދުމަށް މަސައްކަތްކުރާ ބެލްޖިއަމް މިޑްފީލްޑަރު ހެޒާޑް އަކީ ދާދިފަހުން ޗެލްސީ އާއި ގުޅުނު ރޮމެލޫ ލުކާކޫ އާއެކު ބެލްޖިއަމް ގައުމީ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރި އެކެވެ. އާސެނަލްއިން ހެޒާޑް ހޯދުމަށް މަސައްކަތް ކުރާއިރު ލިލޭއިން ބުނަމުން ދަނީ ކޮންމެ އަގެއްކީ ނަމަވެސް ހެޒާޑް ދޫނުކުރާނެ ކަމަށެވެ.
"މިސީޒަނުގައި ހެޒާޑު ކުލަބް ދޫކޮށެއް ނުދާނެ. ހެޒާޑަށް ބޮޑު ކުލަބަކުން ބޮޑު އަގެއް ކިޔާފާނެ ކަމަށް އަހަރެމެން ދަންނާނަން. ހެޒާޑް ވިއްކަން އަހަރެމެން މިހިރީ ތައްޔާރަކަށް ނޫން. އޭނާ މިކުލަބުގައި ހުރީ އުފަލާއެކު. އިތުރު އަހަރަކު މަޑުކުރުމަށް ހެޒާޑް ވެސް ބޭނުންވޭ." ލިލޭގެ ކޯޗް ޕެކުއެޓް ބުންޏެވެ.
ލިލޭގެ ޒުވާން ޓީމުން 2007 ވަނަ އަހަރު އެކުލަބުގެ ސީނިއާ ޓީމަށް ބަދަލުވެ ހެޒާޑް ވަނީ 100 މެޗުން 16 ގޯލް ކާމިޔާބުކޮށްފަ އެވެ. ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުމާއި އެއްގޮތް ކުޅުމެއް ދައްކަމުން އަންނަ ހެޒާޑް އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ބެލްޖިއަމް ގައުމީ ސީނިއާ ޓީމަށްވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.
އާސެނަލްއަށް އެލެކްސް އޮކްސްލޭންޑް ޗެމްބާލެއިން އާއި ޖާވީނިއޯ މިސީޒަނަށް ޓީމާއި ގުޅުމުން ފެބްރިގާސް އާއި ނަސްރީގެ މަގާމު ފޫބެއްދުމަށް އެއްވެސް ޕްރެޝަރެއް ނާންނާނެ ކަމަށް ވެންގާ އިއްޔެ ވަނީ ބުނެފަ އެވެ.