މިދިޔަ ފެބްރުއަރީ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ މަހު ލިބިފައިވާ 1.3 ބިލިއަން ރުފިޔާއަކީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އަށް ވުރެ 19.4 ޕަސެންޓް އިތުރު އަދަދެކެވެ.

ޑޮލަރުގެ އާމްދަނީގެ ގޮތުގައި މިދިޔަ މަހު މީރާއަށް ލިބިފައި ވަނީ 54.5 މިލިއަން ރުފިޔާ ކަމަށް މީރާގެ މާލީ ބަޔާނުގައިވެ އެވެ.

މީރާ އިން ބުނީ، މިދިޔަ މަހު އާމްދަނީ އިތުރުވާން މެދުވެރިވި ސަބަބުތަކަކީ، ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުމާއި 2017 ވަނަ އަހަރު ބަލައިގަނެފައިނުވާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މި މަހުގެ ތެރޭގައި ނަގަން ފެށުން ކަމަށެވެ.

މިދިޔަ މަހު ގްރީން ޓެކްސްގެ ގޮތުގައި މީރާއަށް ލިބިފައި ވަނީ 77.35 މިލިއަން ރުފިޔާ އެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައި ވަނީ 65.6 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ ޖުމްލަ އާމްދަނީގެ 63.7 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ވިޔަފާރިތަކުން ނަގާ ޓެކްސް އަށެވެ. އެއީ ޖުމްލަ އާމްދަނީގެ 9.8 ޕަސެންޓެވެ.