ވޮޝިންޓަން (މާޗް 12): މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.

އެމެރިކާގެ ޕެންސިލްވޭނިއާގެ މަޖިލިސް މެމްބަރު ކަމަށް ވާދަ ކުރައްވާ ރިޕަބްލިކަން ކެނޑިޑޭޓުގެ ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ޗައިނާ އާއި ސިންގަޕޫރުގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމަށް ތައުރީފް ކުރައްވައި، އެ ދެ ގައުމުން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރީ މަރުގެ އަދަބު ދީގެން ކަމަށް ވިދާޅުވެފައި އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ މީހުން މަރާ ކުށްވެރިންނަށް މަރުގެ އަދަބު ދިން ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ނުދޭންވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައިި އެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއްގެ ސަބަބުން މަރުވާ މީހުންގެ އަދަދު 2،000 އާ 5،000 ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޓްރަމްޕް ވަނީ މަސްތުވާތަކެތީގެ ވިޔާފަރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި އެވެ. އެގޮތުން އެމެރިކާގައި އޮޕިއޮއިޑްސްގެ މައްސަލަ ބޮޑުވެފައިވުމުން އެއާ ބެހޭ ގޮތުން ވައިޓް ހައުސްގައި ބޭއްވި ސަމިޓެއްގައި ޓްރަމްޕް ވަނީ އެހެން ގައުމުތަކުން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރީ ހަރުކަށި އަދަބު ދީގެން ކަމަށް ވިދާޅުވެފަ އެވެ.

އިއްޔެގެ ރެލީގައި ޓްރަމްޕް ވަނީ 2020ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކަންވެސް އިއުލާން ކުރައްވާފައި އެވެ. އަދި އެ އިންތިހާބުގެ ކޭންޕޭން ޝިއާރަކީ އެމެރިކާގެ "ގަދަފަދަ ކަމާއި ބާރު ހިމާޔަތް ކުރުން" ކަމަށް ވެސް ވިދާޅުވެފަ އެވެ. (އެލްއޭޓައިމްސް)