ރާއްޖެ މިހާރު މިދާ މިސްރާބުން ގިނަ ގާނޫނުތަކަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ހަތް ވަނަ ޖަލްސާގައި، ފަނޑިޔާރުންގެ ބިލަަށް އަބްދުރަހީމް ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހަށް ބަހުސްކުރައްވަމުން އޭނާ ވިދާޅުވީ އެ ބިލުގެ ބަހުސް ކުރުކޮށްލާފައި ކޮމެޓީއަށް ފޮނުވުމަށް ޕީޕީއެމް ޕީޖީ އިން ބޭނުންވާ ކަމަށެވެ.

ރާއްޖެ މިއަދު މިދެކޭ ތަރައްގީ އާއި ގައުމު ދާ މިސްރާބަށް ބަލައި ގިނަ ގާނޫނުތަކަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށާއި މިހާރުގެ ހާލަތަށް ބަލައި އިސްލާހު ގެންނަން އެންމެ މުނާސަބު ގާނޫނަކީ ފަނޑިޔާރުންގެ ގާނޫނުކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.

"މިހާރަކަށް އައިސް މިހާރު ދިވެހި ރާއްޖޭގެ ހާލަތަށް ބަލައި އަޅުގަނޑުމެންނަށް އެންމެ ފާހަގަ ކުރެވިގެން މިދިޔައީ ރާއްޖޭގެ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓައިލުމަށް ގެނެވުނު މި ގެނެވުނު ބަޣާވާތެއްގެ އެންމެ އަޑީގައި ތިބިކަމަށް ތުހުމަތުތަކުން މި އެނގެނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ އިސް ސަފުގައި އެންމެ އިސްކޯޓުގައި މަސައްކަތް ކުރައްވާ އެންމެ އިސް ދެ ފަނޑިޔާރުން،"

ފަނޑިޔާރުންގެ ގާނޫނު މިހާރު އޮތްގޮތުން އެ ބޭފުޅުންގެ މައްޗަށް ފިިޔަވަޅު އެޅެން ނެތް ކަމަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅަށް ޖުޑިޝާރީގެ ތެރެއިން ބަޣާވާތެއް ގެންނަން މަސައްކަތް ކުރުމަކީ ރައްޔިތުން ވިސްނަން ޖެހިފަިއވާ ކަމެއް ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.

"ދިވެހި ދައުލަތަކީ ތިންބާރު ވަކިވެފައި އޮތް ދައުލަތެއް. ތިން ބާރު ވަކިވެފައި އޮންނަ އިރު، އެއިން އެއްވެސް ބާރަކަށް ދައުލަތް ހުއްޓުމަކަށް ގެނައުމުގެ ފުރުސަތު ލިބިގެންނެއް ނުވާނެ،"

އަބްދުރަހީމް ވިދާޅުވީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ދައުލަތް ހުއްޓުމަކަށް ގެނައުމަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

އެ އަމުރަކީ ގާނޫނު އަސާސީ އާއި ތައާރުޒުވާ އަމުރެއްކަން ފާހަގަކުރައްވާ އަބްދުރަހީމް ވިދާޅުވީ ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއް އެއްމާއްދާ، އަނެއް މާއްދާއަށް ވުރެ ބާރުގަދަ ނުވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތަކީ ގާނޫނު ހެދުމާއި ގާނޫނު އިސްލާހުކުރުން ކަމަށާއި މަޖިލީހުން ފާސްކުރާ ގާނޫނަކަށް ފާޑުނުކިޔޭނެ ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.

ފާސްކުރާ ގާނޫނަކީ ނޫނީ ގާނޫނަށް ގެންނަ އިސްލާހަކީ ގާނޫނު އަސާސީއާ ތައާރުޒުވާ އެއްޗެއްކަމަށް ގަބޫލުކުރާ ނަމަ "އެ ހިފައިގެން ހިނގާނެ މަގު ގާނޫނު އަސާސީގައި ކޮށައިދީފައިވާ" ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.