12 Mar 2018, 10:01
މޮސްކޯ (މާޗް 12): ދެހާސްސާދަ ވަނަ އަހަރު ރަޝިއާގައި ބޭއްވި ވިންޓާ އޮލިމްޕިކްސް ފެއްޓުމުގެ ރަސްމިއްޔާތަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރަކާ ގުޅިގެން ތުރުކީގެ މަތިންދާބޯޓެއް ވައްޓާލަން އަމުރު ކުރެއްވި ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
ޕުޓިންގެ ހަޔާތާ ބެހޭ ޑޮކިއުމެންޓަރީއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ސޯޗީ ވިންޓާ އޮލިމިޕިކްސް ފެއްޓުމުގެ ކުރިން ސެކިއުރިޓީ އޮފިސަރުން ވަނީ އޭނާއަށް ފޯނުން ގުޅުއްވާފައި އެވެ.
"ޔޫކްރެއިން އިން އިސްތަންބޫލަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ބަޔަކު ހިފައި، އެބޯޓު ސޯޗީގައި ޖެއްސުމަށް ޑިމާންޑު ކުރި ކަމަށް [އޮފިސަރުން] އަޅުގަނޑަށް އެންގި،" ޑޮކިއުމެންޓަރީގައި ޕުޓިން ވިދާޅުވި އެވެ.
އެބޯޓަކީ 110 މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ތުރުކީގެ ޕެގަސަސް އެއާލައިންސްގެ ބޯއިން 800-737 މަރުކާގެ ބޯޓެއް ކަމަށް ޑޮކިއުމެންޓަރީގައި ބުނެ އެވެ.
އަދި އެފަދަ ހާލަތެއްގައި އަމަލު ކުރަން ޖެހޭ ގޮތަކީ ކޮބައިކަން އޮފިޝަލުން ގާތުން އެއްސެވި ކަމަށާއި އެފަރާތްތަކުން ލަފާ ދިނީ ބޯޓު ވައްޓާލަން ކަމަށް ޕުޓިން ވިދާޅުވި އެވެ.
"ދެން އަޅުގަނޑު ބުނިން، އެޕްލޭނާ އެއްގޮތަށް އަމަލު ކުރާށޭ،" ޑޮކިއުމެންޓަރީގައި ޕުޓިން ވިދާޅުވި އެވެ.
ނަމަވެސް ޕުޓިން އެފަދައިން ވިދާޅުވިތާ މާގިނަ އިރުތަކެއް ނުވެ އެބޯޓުގައި ބޮމެއް ނެތް ކަން ޔަގީންވި އެވެ. އަދި ބޮމުގެ އިންޒާރު ދިން މީހާ ހުރީ މަސްތުވެފައި ކަމަށް ޕުޓިންއަށް މައުލޫމާތު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ސަބަބުން އިތުރު ހާދިސާއަކާ ނުލައި އެބޯޓު ވަނީ އިސްތަންބޫލުގައި ޖައްސާފައި އެވެ.
ރަޝިއާގެ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް ވަނީ އެރިޕޯޓުތަކަކީ ތެދުކަން ޔަގީންކޮށްދެއްވާފައި އެވެ.
ޕުޓިންގެ ޑޮކިއުމެންޓަރީ އާއްމުކޮށްފައި ވަނީ ރަޝިއާގެ ރިޔާސީ އިންތިހާބު ގާތްވެފައި ވަނިކޮށެވެ. އެއިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވެސް ޕުޓިން އެވެ. (އަލްޖަޒީރާ)