އިތުރުގަޑީގެ ފައިސާ ދިނުމާއި އަހަރީ ޗުއްޓީގެ މައްސަލަތަކެއްގައި ތ. އަތޮޅު ހޮސްޕިޓަލުގެ ބިދޭސީ ޑޮކްޓަރުންނާއި މުވައްޒަފުން އެއްކޮށް އިސްތިއުފާދީފި އެވެ.

އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އެސިސްޓެންޓް މެނޭޖަރު މިދުހަތު ނާސިރު ވިދާޅުވީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ 25 ބިދޭސީ މުވައްޒަފަކު އިސްތިއުފާ ދިނުމަށް އެދި ސިޓީ ހުށަހެޅީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި އޭގެ ތެރެއިން 24 މުވައްޒިފަކަށް އިސްތިއުފާ ގަބޫލުކޮށް ވަޒީފާ އިން ވަކިކުރި ވާހަކަ އަންގާފައިވާ ކަމަށެވެ. ނަމަވެސް އިސްތުއުފާ ހުށަހެޅި މުވައްޒިފުންގެ ތެރެއިން އެއްޑޮކްޓަރަކު މާފަށް އެދި އަލުން މަސައްކަތަށް ނިކުންނަން ފަށާފައިވާ ކަމަށް ވެސް މިދުހަތު ވިދާޅުވި އެވެ.

"މިކޮޅުގައި މަސައްކަތްކުރައްވާ ހަތަރު ޑޮކްޓަރަކާއި ލޯބޯޓްރީ ޓެކްނީޝަން އަދި ރޭޑިއޯ ގުރާފަރެއް އަދި މިކޮޅުގައި ތިއްބެވި ބިދޭސީ ނަރުހުން އިސްތިއުފާ ދެއްވީ. އެބޭފުޅުންގެ ސިޓީއަށް ޖަވާބުދެއްވައި އަޅުގަނޑުމެން މިއަދު މި ސިޓީ ފޮނުވީ،" މިދުހަތު ވިދާޅުވި އެވެ.

އެ ހުރިހާ މުވައްޒިފުން ވެސް އިތުރުގަޑީގެ ފައިސާއާއި ޗުއްޓީގެ ކަންކަމާ މެދު ހިތްހަމަނުޖެހިގެން އިސްތުއުފާ ހުށަހެޅުމުން އެ މުވައްޒިފުންނާ ވާހަކަ ދައްކައި އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް މިދުހަތު ވިދާޅުވި އެވެ. ނަމަވެސް އެ މީހުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް މިދުހަތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން ވާހަކަ ދައްކަން. ނަމަވެސް ވާހަކަތަކުގެ ދޮރު ބަންދުވީ އެ ކަމަށް ޑޮކްޓަރުން ހުރަސްއެޅުއްވުމުން. އެ ހިސާބުން ދެން އަޅުގަނޑުމެންނަށް އެހެން ގޮތެއް ނެތިގެން އިސްތިއުފާ ގަބޫލުކުރީ،" މިދުހަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުވައްޒިފުން އިސްތިއުފާދިން ނަމަވެސް އަތޮޅުތަކުގެ އެހެން މަރުކަޒުތަކުން މުވައްޒިފުން ގެނެސްގެން ކުރިއެކޭ ވެސް އެއްގޮތަށް ހޮސްޕިޓަލުގެ ހިދުމަތްތައް ދޭން ފަށާފައިވާ ކަމަށެވެ.
މުވައްޒަފުންގެ މައްސަލައާ ގުޅިގެން އެކަން ބެލުމަށް ހެލްތު ކޯޕަރޭޝަންގެ ޓީމެއް ވަނީ އެ ހޮސްޕިޓަލަށް ގޮސްފަ އެވެ.