ޕެންސިލްވީނިޔާ(މާޗް 12): 2020ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި އެ އިންތިޚާބުގެ ކޭންޕޭން ޝިޢާރަކީ އެމެރިކާގެ "ގަދަފަދަ ކަމާއި ބާރު ހިމާޔަތް ކުރުން" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕަށް ތާއީދުކުރާ މީހުންނާއެކު ޕެންސިލްވީނިޔާގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، 2020ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތްކަމަށާއި އޭނާގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު ވަރުގަދަވަމުންދާތީ އާންމުންގެ ތާއީދު އިތުރުވަމުންދާ ކަމުގައެވެ. ޓްރަމްޕް ވިދާޅުވީ، ކުރިޔަށްއޮތް ރިޔާސީ އިންތިޚާބަށް މިހާރުވެސް ކޭންޕޭން ކުރަން ފަށަންވެއްޖެ ކަމުގައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ކޭންޕޭން ޝިޢާރަކަށް ގެންގުޅުއްވި "އަލުން ބާރުގަދަ ގައުމަކަށް އެމެރިކާ ހެދުން" އެޝިޢާރު މިހާރު ބައުވެފައިވާކަން ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ އައު ޝިޢާރެއް ބޭނުންކަމުގައެވެ.

ޓްރަމްޕް ވިދާޅުވީ، އެއްވެސް ރައީސެއްގެ ވެރިކަމުގައި ކުރަން ނުކެރުނު ކަންކަން އޭނާގެ ވެރިކަމުގައި ކޮށްފައިވާނެ ކަމުގައެވެ. މިގޮތުން އިސްރާއީލުގެ ޓެލްއަވީވްގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމާއި ދުނިޔޭގެ ވިޔަފާރީގެ ބޮޑެތި އެއްބަސްވުންތަކުން އެމެރިކާ ވަކިވުމުގެ އިތުރުން ދުނިޔޭގެ ތިމާވެއްޓާބެހޭ ޕެރިސް މުއާހަދާއިން އެމެރިކާ ވަކިވުން ހިމެނޭކަމުގައެވެ. އެ މުއާހަދާތަކުން އެމެރިކާ ވަކިވީ އޭގައި ބައިވެރިވުމުން އެމެރިކާއަށް ގެއްލުން ލިބެމުންދާތީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން އެމެރިކާއަށް އެހެން ގައުމުތަކުގެ މީހުން ހިޖްރަކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް އޭނާ ގެންގުޅުއްވާ ސިޔާސަތަށް އެމެރިކާގެ އާންމުންގެ ތާއީދު އޮތްކަންވެސް ޓްރަމްޕް ފާހަގަ ކުރެއްވިއެވެ.

ޓްރަމްޕްގެ ވާހަކައިގައި އުތުރުކޮރެޔާއާއެކު ވަރުގަދަ ޑީލެއް ހެދުމަށް ޕްލޭން ކުރަމުން ދާކަމަށްވެސް ވިދާޅުވިއެވެ. އުތުރުކޮރެޔާގެ މައްސަލައަކީވެސް އެމެރިކާގެ އެއްވެސް ރައީސަކަށް ހައްލު ނުކުރެވުނު މައްސަލައެއްކަން ފާހަގަ ކުރައްވަމުން، އޭނާގެ ވެރިކަމުގައި އެކަންވެސް ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.

އުތުރުކޮރެޔާގެ އަސްކަރީ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓާލުމުން އެގައުމުގެ ކުރިއެރުމަށް އެމެރިކާ އެހީތެރިވާނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ޓްރަމްޕްގެ ސަރުކާރުން ގެންދަނީ ތައްޔާރުވަމުންނެވެ. އެޕްލޭން ގަބޫލުކޮށްފިނަމަ އުތުރުކޮރެޔާ މަދަނީގޮތުން އާދަޔާޚިލާފަށް ކުރިއަރައިގެންދާނެތީ އުތުރުކޮރެޔާގެ ލީޑަރު އެޕްލޭން ގަބޫލުކުރައްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ޓްރަމްޕްގެ އަރިސް ބޭފުޅަކު ވިދާޅުވެފައިވެއެވެ.

އުތުރުކޮރެޔާގެ ލީޑަރުގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ ވެރިކަމުގެ ޚުދު މުޚްތާރު ނިޒާމަށް އެމެރިކާ ފާޑުނުކިޔައި އެނިޒާމު ދެމެހެއްޓޭނެ ގޮތެއްގެ މަތިން އިގްތިސާދީ ގޮތުންނާއި މަދަނީ ޓެކްނޮލޮޖީގައި ކުރިޔަށް ދިޔުމަށް އެމެރިކާގެ އެހީތައް ލިބުމާއެކު ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމެވެ. މިކަން ޓްރަމްޕްގެ ޕްލޭންގައި ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ.

އުތުރު ކޮރެޔާގެ ވެރިކަމުގެ ޚުދުމުޚްތާރު ނިޒާމު ބަދަލުކުރުމުގެ ވިސްނުން އެމެރިކާގެ އެހެން ރައީސުން ގެންގުޅުއްވިނަމަވެސް ޓްރަމްޕް އެވިސްނުން ނުގެންގުޅުއްވާ ކަމަށް ޚަބަރުތައް ބުނެއެވެ. (އެމެރިކާގެ މީޑޔާ)