މާވެލްގެ އެންމެ ފަހުގެ ފިލްމު ބްލެކް ޕެންތާ ރިލީޒްކުރިތާ ހަތަރު ހަފްތާ ވެގެންދާއިރު އެ ފިލްމަށް ލިބޭ ތަރުހީބު އަދިވެސް ކުޑަވެފައެއް ނުވެއެވެ.

ބްލެކް ޕެންތާއަށް އެކިކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ފިލްމުގެ އާމްދަނީ ވަނީ ބިލިއަން ޑޮލަރަށް އަރައިފައެވެ.

އެފްރިކަން-އެމެރިކަން ގައުމެއް ކަމަށްވާ ވަކަންޑާގައި ހިނގާ ކަންތައްތަކެއް ދައްކައިދޭ މި ފިލްމުގައި މުހިއްމު ރޯލުތައް ކުޅެފައިވަނީ ކަޅުނަސްލުގެ އެކްޓަރުންނެވެ.

ޗެޑްވިކް ބޯސްމޭން، މައިކަލް ބީ ޖޯޑަން، ލުޕިޓާ ނުޔޯންގްއޯ، ޓިން ފްރީމެންގެ އަދި ޑެނިއެލް ކަލުއްޔާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާ ބްލެކް ޕެންތާ އަކީ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި މާވެލްގެ ދެވަނަ ފިލްމެވެ.

ބްލެކް ޕެންތާއިން ފެންނަނީ ބައްޕަ މަރުވުމަށްފަހު ޓީ-ޗައްލާ އޭނާގެ ގައުމުގެ ވެރިކަމާ ހަވާލުވުމަށްފަހު ހިނގާ ކަންތައްތަކެވެ. ވަކާންޑާއަކީ ޓީ-ޗައްލާގެ ގައުމެވެ. އެފްރިކާގެ އެ ގައުމަކީ ޓެކްނޮލޮޖީގެ ގޮތުން ވަރަށް ކުރިއަށް ގޮސްފައިވާ ގައުމެކެވެ.

ޓީ-ޗައްލާ އޭނާގެ ބައްޕަގެ ފަރާތުން ވާރުތަވި ރަސްކަމުގެ ތަހުތާ ހަވާލުވެއެވެ. ނަމަވެސް ކުއްލިއަކަށް ޒަމާންވީ ދުޝްމަނަކު ޓީ-ޗައްލާ އަތުން ތަހުތު ފޭރިގަތުމަށް އާދެއެވެ. އެ ދުޝްމަނަކީ އޭނާގެ ބޮޑުބޭބެގެ ދަރިއެކެވެ. ބޮޑުބޭބެ މަރާލީ ޓީ-ޗަައްލާގެ ބައްޕައެވެ. ގައުމުގެ ދިފާއުގައެވެ.

ދުޝްމަނުންނާ ހަނގުރާމަ ކުރުމަށް ޓީ-ޗައްލާ ބްލެކް ޕެންތާގެ ބާރުގެ ބޭނުން ކުރެއެވެ. ވަކަންޑާ އަދި މުޅި ދުނިޔެއަށްވެސް އޮތީ ބިރުވެރިކަމެކެވެ.

ބްލެކް ޕެންތާގެ ބާރު ބޭނުންކޮށްގެން ކުރާ ހަނގުރާމައިގައި ދުޝްމަނުން ބަލިކުރަން އޭނާއަށް މަޖުބޫރުވެއެވެ. ފިލްމުގެ ކުރި މަރާނުލުމަށް އިތުރު ވާހަކަތައް ނުދައްކައި ބަހައްޓާނަމެވެ.

މިއީ ހުރިހާ ރަހައެއް އެކުލެވޭ ފިލްމެކެވެ. ގައުމީ ލޯތްބާއި އާއިލީ ލޯބި، ދެކޮޅުވެރިކަމާއި ހަސަދަ އަދި އިޝްގީ ލޯބީގެ އަސަރުވެސް ފިލްމުގައި ހިމެނެއެވެ.