އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.

މިރޭގެ މެޗަށް ނުކުތްއިރު ވިކްޓަރީ އޮތީ ކުޅުނު ދެ މެޗުންވެސް ބަލިވެ ތާވަލުގެ ފުލުގައެވެ. މެޗަށް ނުކުތްއިރު ޓީސީއަށް ލިބިފައި އޮތީ ކުޅުނު ދެ މެޗުން އެއް ޕޮއިންޓެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވިކްޓަރީން ޓީސީ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ވިކްޓަރީގެ ދެ ގޯލްވެސް ފެނިފައިވަނީ މެޗުގެ ކުރީ ކޮޅުގައެވެ.

މާލޭ ލީގުގައި ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗު ފެށިގެން މިނެޓެއްވެސް ނުވަނީސް ވިކްޓަރީން ވަނީ ލީޑު ނަގައިފައެވެ. ވިކްޓަރީއަށް ލީޑު ނަގައިދިނީ ސްޕެއިންގެ ފޯވަޑް އޭންހަލް ކެރެސްކޯ މުނޯޒެވެ. ގޯލަށްފަހު ޓީސީއަށް މެޗަށް އަނބުރާ ނުވަދެވެނީސް ވިކްޓަރީ ވަނީ ދެވަނަ ގޯލަކާއެކު ލީޑު ފުޅާކޮށްފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި ވިކްޓަރީގެ ދެވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނާ މިދިޔަ ހަފްތާގައި އެޓީމާ އަލަށް ގުޅުނު އީސްޓް ޓިމޯގެ ފޯވަޑް ޕެޑްރޯ ހެންރިކޭއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވިކްޓަރީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފައެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ޓީސީ އޭރިއާ ބޭރުން އޭންހަލް ފޮނުވާލި ބާރު ހަމަލާގެ އިތުރުން ހަންގޭރީ ފޯވަޑް ސައިމަން ޓިބޯއަށް ލިބުނު ފުރުސަތުވެސް ފާހަގަކޮށްލެވުނެވެ.

މެޗަށް އަނބުރާ ވަނުމަށް ޓީސީން ވަނީ ހާފް ނިމުމުގެ ކުރިން މަސައްކަތްކޮށްފައެވެ. އަނިޔާގެ ސަބަބުން އެންމެފަހުން ޓީސީން ކުޅުނު މެޗުގައި ނުފެނުނު ބިދޭސީ މިޑްފީލްޑަރު، އެނަޓޮލީ ވްލާސިޗޭވް ކުޅުމަށް ނެރުމުގެ އިތުރުން ޓީސީން ވަނީ ކުރިއަށް ޖެހި އެޓޭކް ކުރަން މަސައްކަތް ކޮށްފައެވެ.

މާލޭ ލީގުގައި ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ފުރަތަމަ ހާފް 2-0 ގެ ނަތީޖާއަކުން ވިކްޓަރީން ކުރީގައި އޮވެ ނިންމާލިއިރު، ދެވަނަ ހާފަށް ޓީސީ ނުކުތީ ވަރުގަދަކޮށެވެ. ދެވަނަ ހާފުގައި ކުޅެން ނުކުތް އިޝާން އިބްރާހީމް (ސައްޓު)ގެ ކުޅުން އެ ހާފުގައި ފާހަގަކޮށްލެވުނެވެ.

ޓީސީން ކުރިއަށް ޖެހި އެޓޭކް ކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ގޯލް ޓީސީއަށް ކާމިޔާބުކޮށްދިނީ ސައްޓުގެ ހުރަހަކުން ލައިބީރިއާގެ ފޯވަޑް ޑިއޯ ކްލަރެންސެވެ.

ޑިއޯގެ ގޯލަށްފަހު ވަރުގަދައަށް ކުޅެމުންދިޔަ ޓީސީއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ޓީސީގެ މިޑްފީލްޑަރު އެނަޓޮލީ ފޮނުވާލި ހިލޭ ޖެހުން ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ)ގެ ހަމަލާވެސް އަމާޒުވީ ގޯލްގެ މަތީ ދަނޑިއަށެވެ.

މާލޭ ލީގުގައި ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީގެ އިތުރުންވެސް ސައްޓުގެ ދެ ހުރަހަކުން ޓީސީގެ ފޯވަޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އަށް ލިބުނު ފުރުސަތުތައް އޭނާ ގޯލާ ދިމާއަށް ފޮނުވާލި ނަމަވެސް، ވިކްޓަރީ ކީޕަރު މުހައްމަދު އިިމްރާން ވަނީ އެ ދެ ހަމަލާވެސް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 89 ވަނަ މިނެޓުގައި ވިކްޓަރީގެ ފުރަތަމަ ގޯލް ޖެހި ޕެޑްރޯއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އޭނާ ކުރި ފައުލަށް ރެފްރީ ރީނދޫ ކާޑު ދައްކައިފައިވަނިކޮށް ދެވަނަ ރީނދޫ ކާޑު ދެއްކީ މެޗު ލަސްކުރަން މަސައްކަތް ކުރުމުންނެވެ.

މާލޭ ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހުގައެވެ.