11 Mar 2018, 22:28
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް މ. އަތޮޅު ބުރުން މަޑުއްވަރީ ކަޓުވާލައި ވޭވަށް މުހިއްމު މޮޅެއް ހޯދައިފިއެވެ.
މިއަހަރުގެ މ. އަތޮޅު ބުރުގައި ހަތަރު ޓީމު ވާދަކުރެއެވެ. އެއީ މުލި، ވޭވަށް އަދި މުލަކާއި މަޑުއްވަރީއެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ މަޑުއްވަރީ ކަޓާފައިވާއިރު މިވަގުތު އެއްވަނައިގައި އޮތީ ދެ މެޗުން މޮޅުވި މުއްޔެވެ.
މ. މުލީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވޭވަށުން މަޑުއްވަރީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 33 ވަނަ މިނެޓުގައި އަހުމަދު އަރީފްގެ ގޯލުން ވޭވަށްވަނީ ލީޑު ނަގައިފައެވެ. ލީޑާއެކު ވޭވަށުން ހާފް ނިންމާލަން ދިޔަ ނަމަވެސް މަޑުއްވަރީން ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލް މަޑުއްވަރިއަށް ކާމިޔާބުކޮށްދިނީ މިގުދާދު ސައީދެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެ ނިޝާން މުހައްމަދުގެ ގޯލާއެކު ވޭވަށުންވަނީ އަނެއްކާވެސް މެޗުގެ ލީޑު ނަގައިފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އިބްރާހީމް ފިރާގުގެ ގޯލުން ވޭވަށްވަނީ މެޗުގެ ނަތީހާ 3-1 އަކަށް ބަދަލުކޮށްލައިފައެވެ.