11 Mar 2018, 22:30
އެސްޓީއޯ މިނިވަންޗެމްޕިއަންޝިޕް ހދ. އަތޮޅު ބުރުގައި މިއަދު ނޮޅިވަރަމުން ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ފިނޭ ބަލިކުރިއިރު، ކުޅުދުއްފުށިން ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ކުމުންދޫ ބަލިކޮށް އުންމީދު އާކޮށްފިއެވެ.
މިއަހަރުގެ މިނިވަންޗެމްޕިއަންޝިޕް މުބާރާތުގައި ހދ. އަތޮޅުގެ އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ހަނިމާދުއާއި، ފިނޭއާއި، ނޮޅިވަރަމް އަދި ނެއްލައިދުއެވެ.
ގްރޫޕް ދޭއްގައި ހިމެނެނީ ކުޅުދުއްފުށީގެ އިތުރުން ނޮޅިވަރަންފަރު އަދި ކުމުންދުއެވެ. ގްރޫޕު ދޭއްގައި ކުރިނބީ ހިމެނުނު ނަމަވެސް، ފަހުން އެޓީމު ވަނީ މުބާރާތުގައި ބައިވެރިނުވާން ނިންމައި، މުބާރާތުން ނަން ނަގައިފައެވެ.
މިއަދު ހަނީމާދޫގައި ކުޅުނު ގްރޫޕް އެކެއްގެ މެޗުގެ ފުރަތަމަ ހާފްގައި ނޮޅިވަރަމްގެ މުހައްމަދު އަދުނާން ޖެހި ދެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފް ނިންމާލަން ދަނިކޮށް، ފިނޭގެ އަހުމަދު މުހައްމަދުވަނީ ގޯލްއެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
ދެވަނަ ހާފް ފެށިގެން މެޗުގެ 56 ވަނަ މިނެޓުގައި އަހުމަދު މިސްބާހް ޖެހި ގޯލާއެކު އަނެއްކާވެސް ނޮޅިވަރަމުން ލީޑު ފުޅާކުރިއެވެ. މެޗުގެ 73 ވަނަ މިނެޓުގައި ހަސަން މުހައްމަދުގެ ގޯލުން ފިނޭ މެޗަށް އަނބުރާ ވަނުމަށް މަސައްކަތް ކުރި ނަމަވެސް ނޮޅިވަރަމުންވަނީ ނަތީޖާ ހިފަހައްޓައިފައެވެ.
ހދ. އަތޮޅު ބުރުގެ ގްރޫޕް ދެވަނަ މެޗުގައި ކުޅުދުއްފުށިން ކުމުންދޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދިއިރު އެޓީމުން މެޗަށް ނުކުތީ ފުރަތަަމަ މެޗުގައި ނޮޅިވަރަންފަރާ އެއްވަރުކޮށް ހޯދި ޕޮއިންޓާއެކުގައެވެ.
ކުޅުދުއްފުށީގެ ގޯލްތައް މެޗުގައި ކާމިޔާބުކޮށްދިނީ ފަތުހުﷲ އާދަމް އަދި އަލީ ހުސޭނެވެ.
ހދ. އަތޮޅުގެ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.