11 Mar 2018, 19:16
އެސްޓީއޯ މާލޭ ލީގުގައި ކްލަބު ވެލެންސިއާ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާއިން ޖެހި ދެެ ގޯލްވެސް ފެނިގެންދިޔައީ ދެވަނަ ހާފްގައެވެ.
މެޗުގެ ކުރީ ކޮޅުން ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ މާޒިޔާއިންނެވެ. ގިނަ ހަމަލާތަކެއްވެސް ފެނިގެންދިޔައީ މާޒިޔާގެ ފަރާތުންނެވެ. އެގޮތުން ފުރަތަމަ ހާފްގައި މާޒިޔާގެ ވިންސެންޓް ފޯވަޑް، ކޯނެލިއަސް ސްޓެވާޓާއި ނާއިޒް ހަސަން (ދާދު)އަދި އަހުމަދު އިމާޒް (އާއްކޮ)އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.
މާލޭ ލީގުގައި މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
މެޗުގެ ފުރަތަމަ ހާފްގައިވެސް ވެލެންސިއާގެ ފަރާތުން ފެނުނީ ވަރަށް ބޮޑަށް ފަހަށް ޖެހި ޑިފެންސިވް ކުޅުމެއް ކުޅުނު ތަނެވެ. ވެލެންސިއާއިން މަސައްކަތްކުރީ ލިބުނު ކައުންޓާ އެޓޭކް ފުރުސަތުތަކުގެ ބޭނުންހިފައި މާޒިޔާގެ ޑިފެންސަށް ނުރައްކާ ކުރެވޭތޯއެވެ.
ފުރަތަމަ ހާފް 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު، ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. ދެވަނަ ހާފް ފެށިގެންވެސް މާޒިޔާއިންވަނީ ވެލެންސިއާގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ކޮނެލިއަސްއަށް ލިބުނު ފުރުސަތު އޭނާ ބޭކާރު ކޮށްލިނަމަވެސް، މެޗުގެ 63 ވަނަ މިނެޓުގައި އިސްމާއީލް އީސަ (މެސީ)ގެ ގޯލުން މާޒިޔާވަނީ ލީޑު ނަގައިފައެވެ. މެސީގެ ގޯލައަށް ފުރުސަތު ތަނަވަސްކޮށްދިނީ މާޒިޔާގެ ފަހަތަށް ކުޅެމުން އަންނަ ފާރޫގު އިސްމާއިލެވެ.
މާލޭ ލީގުގައި މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާޒިޔާއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
ފުރަތަމަ ގޯލް ޖެހިތާ މިނެޓެއް ނުވަނީސް މާޒިޔާއިންވަނީ ލީޑު ފުޅާކޮށްފައެވެ. މާޒިޔާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ޔަސްފާދު ހަބީބެވެ.
މާޒިޔާއިން މި ސީޒަންގައި ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާއިރު، މެޗުން ބަލިވި ވެލެންސިއާއަށް ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.
މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ އޮންނަ މެޗުގައި ވާދަކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.