11 Mar 2018, 16:27
ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަމާ ހަވާލުވުމަށް އަފްގާނިސްތާންގެ ގައުމީ ޓީމުގެ ކޯޗުކަން ކުރި ޕީޓާ ސެގަޓް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ ސެގަޓް ހަވާލުވިކަން އެފްއޭއެމުން އަދި ޔަގީންކޮށްދީފައި ނުވި ނަމަވެސް "ސަން ސަޕޯޓްސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ސެގަޓް ޓީމާ ހަވާލުވާނެއެވެ. މިވަގުތު މާލޭގައި ހުރި ސެގަޓް، މިއަދު ހަވީރު މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު ވެލެންސިއާ ކުޅެމުންދާ މެޗު ބައްލަވާލުމަށް ގައުމީ ފުޓުބޯޅަ ދަނޑުގައި އިންނެވިކަން ފާހަގަކުރެވެއެވެ.
ކްރޮއޭޝިއާއަށް އުފަން ޖަރުމަންގެ ޝެގަޓަކީ އޭޝިއާގެ ފުޓުބޯޅައިގެ ގިނަ ތަޖުރިބާތަކެއް ހުރި ކޯޗެކެވެ. އެގޮތުން އިންޑޮނޭޝިއާއާއި އޮސްޓްރޭލިއާގެ ކްލަބުތަކަށް ކޯޗުކަން ކޮށްދިން ސެގަޓް 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް ހަވާލުވެ ހުރީ އަފްގާނިސްތާންގެ ގައުމީ ޓީމާއެވެ. ޝެގަޓާއެކު އަފްގާނުންވަނީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީވެސް ހޯދާފައެވެ. އެގޮތުން ސެގަޓްގެ އިރުޝާދުގެ ދަށުން އަފްގާންވަނީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފަހު ބުރަށް ދަތުރުކޮށް 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފައިނަލަށްވެސް ދަތުރުކޮށްފައެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި އެންމެފަހުން ހުރި ކޯޗަކީ އޮސްޓްރޭލިއާގެ ޑެރެން ސްޓެވާޓެވެ. ސްޓެވާޓްގެ ކޮންޓްރެކްޓް މިދިޔަ މަހަށް ހަމަވެފައިވާއިރު، އެފްއޭއެމްއިން ނިންމާފައިވަނީ އޭނާގެ ކޮންޓްރެކްޓް އާ ނުކުރުމަށެވެ.