ރާއްޖޭގެ ދިދަ ނައިގެން ބައިނަލްއަގްވާމީ ކަނޑުތަކުގައި ދަތުރުކޮށް މުއާމަލާތްކުރަމުން ގެންދާ މައްސަލައިގެ ބައިނަލްއަގްވާމީ ތަހުގީގެއް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމްގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މައްސަލަ އަކީ "ކޮމްޕްލިކޭޓެޑް" މައްސަލައެއް ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަނީ ބައިނަލްއަގްވާމީ މައްސަލައެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މައްސަލައާ ގުޅޭ މައުލޫމާތު ބައިނަލްއަގްވާމީ ފަރާތްތަކާ ހިއްސާކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ދިދަ ނަގައިގެން ދަތުރުކުރާ "ޒިން ޔުއާން 18" ނަމަކަށް ކިޔާ ކަނޑު އުޅަނދަކުން، އުތުރުކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ ކަނޑުގެ އުޅަނދަކަށް ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް މުދާ ބަދަލުކުރިކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.

ޖަޕާނުގެ ފޮރިން އެފެއާސް މިނިސްޓްރީން ބުނާ ގޮތުން، އެ ދެ ބޯޓު ކައިރިކައިރީގައި އޮއްވާ ފެނުނީ ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަތިންދާ ބޯޓަކަށެވެ. އަދި އެ ދެ ބޯޓުން އދ. ގެ ސަލާމަތީ މަޖިލީހުން މަނާކޮށްފައިވާ މުއާމަލާތެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ޖަޕާނުން ބުނެއެވެ.

ނަމަވެސް ޖަޕާނުގެ ފޮރިން އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ހުރި އެ ވާހަކަތައް ދިވެހި ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

ވެހި ދިދަ ނަގައިގެން ދަތުރުކުރާ ކަމަށް ބުނާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

އެ ބޯޓުގެ މައްސަލާގައި ގދ. މަޑަވެލީ، އަބްދުﷲ ފަހުމީ ކިޔާ މީހަކު ހައްޔަރުކޮށް، އޭނާގެެ މައްޗަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.