11 Mar 2018, 15:49
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް 23 ވަނަ ބޯޓު ގެނެސް، އެ އެއާލައިންގެ ފްލީޓް ބޮޑުކޮށްފިއެވެ.
މޯލްޑިވިއަނުން މިއަދު ގެނެސްފައިވަނީ އިންޑޮނޭޝިއާއިން ގަނެފައިވާ ޑޭޝް 8 މަރުކާގެ ބޯޓެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނެދަލެންޑްސްއިން ފުރައިގެން އެ ބޯޓު އައިސްފައިވަން 12 އެއާޕޯޓެއްގައި މަޑުކުރުމަށްފަހުގައި ކަމަށް އެ ބޯޓުގެ ކެޕްޓަން އައިމިނަތު އިބްތިޝާމް ވިދާޅުވިއެވެ.
މޯލްޑިވިއަންއަށް އައު އެއާކްރާފްޓް ގެނައި ރަސްމިއްޔާތަށް ފަހު "ސަން" އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް އަލަށްގެނައި ބޯޓާއެކުގައި އެ އެއާލައިންގެ ދަތުރުތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރުވަމުންދާ ރިސޯޓުތަކާ އެއާޕޯޓުތަކާ އެއްވަރަށް މޯލްޑިވިއަންގެ ފްލީޓް ބޮޑުކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
"ހަމައެކަނި އެއާޕޯޓެއް ނުވަތަ އެއާޕޯޓެއް ކައިރީގައި ހޮޓަލެއް އޮވެގެން މިކަން އެކަށީގެންވާ ވަރަށް ކުރިއަށްނުދާނެ. އެއާ އެއްވަރަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަން އެބަޖެހޭ،" ހާރިސް ވިދާޅުވިއެވެ.
ހާރިސް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަންވެސް އޭގެ އެންމެ އެދެވޭގޮތުގައި ކުރިއަށްދާނީ ވައިގެ ދަތުރުތައްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަމަޖެހިފައި އޮތުމުން ކަމަށެވެ.
މޯލްޑިވިއަނުން މިއަދު ގެނައި ޑޭޝް 8ގެ ބޯޓާއެކު 23 ބޯޓު އެ އެއާލައިންގެ ފްލީޓަށް ހަމަވީއެވެ. އޭގެ ތެރޭގައި ޑޭޝް 8ގެ 10 ބޯޓު، ސީ ޕްލޭންގެ ފްލީޓަށް 11 ބޯޓު އަދި ރާއްޖެއިން ބޭރުގެ ދަތުރުތައް ކުރުމަށް އެއާބަސްގެ ދެ ބޯޓެވެ.