11 Mar 2018, 16:24
ރާއްޖެއަކީ ހައްދުފަހަނަ އަޅާ މީހުން އުފައްދާ ތަނެއްކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ދެކޭ ދެކުން ބަދަލުކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތް ފުޅާ ކުރެވިފައިވާ ކަމަށެވެ.
"ރާއްޖެއަކީ މެދުމިނުގެ ސިޔާސަތުތައް ގެންގުޅޭ، އަދި އިސްލާމްދީން ފެތުރުމަށް މަސައްކަތްކުރާ ގައުމެއް ކަމަށް ބައިނަލް އަގުވާމީ ފަރާތްތަކުން މިހާރު ގަބޫލު ކުރޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް މެދުކަނޑާނުލައި ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ހައްދު ފަހަނައަޅައި ދިއުމާއި ޓެރަރިޒަމް އާ ދެކޮޅަށް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތްތައް ފުޅާ ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގައި ހައްދުފަހަނައަޅައި ދިއުން ކުޑަކުރުމަށް ބޭނުން ކުރެވިދާނެ ސްޓްރެޓެޖީއެއް އެމެރިކާގެ އެކްސްޕާޓުންގެ އެހީގައި އެކުލަވާލެވި، އެއަށް އަމަލު ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ މަހުގެ 14 އިން 16 އަށް ޓެރަރިޒަމްއާ ބެހޭ އިސްލާމިކް ކޮންފަރެންސް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކޮންފަރެންސް ބާއްވާނީ އިސްލާމިކް މިނިސްޓްރީ އާ ގުޅިގެން ކުރުނބާ މޯލްޑިވްސްގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގައި ޓުއަރިޒަމްގެ ދާއިރާ ފުޅާވަމުން ދާއިރު، ހާއްސަކޮށް ލޯކަލް ޓުއަރިޒަމް ފުޅާވަމުންދާއިރު، މި ސިނާއަތަށް ހުރި ނުރައްކާތައް ދެނެގަނެ ކުރިއަށް އޮތްތަނުގައި މިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ ދިރާސާކޮށް އެކަށީގެންވާ ފިޔަވާޅުތައް އެޅުމަށް އިނގިރޭސިވިލާތުގެ އެހީއާ އެކު މިދަނީ މަސައްކަތް ކުރަމުންް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެފައި، ރާއްޖޭގެ ރަށްރަށުގައި ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނައިރު، އެ މަސައްކަތް ކުރައްވާ ފަރާތްތަަކުން ސަރުކާރުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލޯކަލް ޓުއަރިޒަމް ފުޅާކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.
ރާއްޖޭގެ އާދަކާދަ އާއި ސަގާފަތާ ފުށުއަރާ އަދި ދިވެހިން ގަބޫލު ނުކުރާ ކަންތައްތައް ފެތުރުނަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް ގެސްޓްހައުސްތައް ހިންގާ ފަރާތްތަކަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހައްދުފަހަނަ އަޅައި ދިއުން ހުއްޓުވުމަށް ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެގޮތުން އިންޑިއާ އާއި އެމެރިކާ، ސައުދީ އަރަބިއާ އަދިތުރުކީ ވިލާތުން ލިބޭއެއްބާރުލުން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ޖެނުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވާން ދިޔަ މީހުންގެ އަދަދު 61 އަށް އަރާފައިވާ ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި އިތުރު މީހަކު ހަނގުރާމައަށް ދިޔަކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހަނގުރާމައަށްދާ މީހުންގެ މައުލޫމާތު ހިއްސާކުރުން ހަރުދަނާ ވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އާއިލާތަކުން ވެސް އެފަދަ މީހުންގެ މައުލޫމާތު ހިއްސާކުރަމުންދާ ކަމަށެވެ.
ދީނީ ހައްދުފަހަނަ އަޅައިދިއުން ކުޑަކޮށް، އެކަން ހުއްޓުވުމަށް، ދީނީ ކަންކަމާ ގުޅޭ މައުލޫމާތު އޮޅުންފިލުވައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިޔާ މަންސޫރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިޔާ މަންސޫރު ވިދާޅުވީ ރާއްޖެއިން މީހުން ހަނގުރާމައަށް ފޮނުވާ ޖަމާއަތްތައް ހަރަކާތްތެރިވާކަން ފާހަގަ ނުކުރެވޭ ކަމަށާއި ނަމަވެސް ވަކިވަކި ފަރުދުން ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ޓެރަރިޒަމްއާ ގުޅޭ ކަންކަމުގައި ބައިލަން އަގުވާމީ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަ ކުރައްވާ ޒަކަރިޔާ މަންސޫރު ވިދާޅުވީ ހައްދުފަހަނަ އަޅައި ދިއުމުގެ ފިކުރުގެ ތެރެއިން އަނިޔާވެރިކަން އިސްކުރުމާ ގުޅޭ ދިރާސާ އެއް ކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރެއިން ފާހަގަ ކުރެވުނު ކަންކަމުގެ އަލީގައި އެފަދަ މީހުން ރަނގަޅު ކުރުމުގެ މަސައްކަތް ކުރެވެމުން ދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ތައުލީމީ ދާއިރާއާ ގުޅިގެން (ކޮލެޖް ޔުނިވާސީިޓީ)ތަކާ ގުޅިގެން އެކަމާ ގުޅޭ އިލްމީ ދިރާސާތައް ކުރުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ." ޒަކަރިޔާ މަންސޫރު ވިދާޅުވީ ދީނީ ޖަމްއިއްޔާ ޖަމްއިއްޔާ ތަކާ މަޝްވަރާކޮށް، ކަންކަމަށް ހައްލު ހޯދަން މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.