11 Mar 2018, 19:06
ޗައިނާއިން މިދިޔަ އަހަރު އެފްރިކާގެ އެކި ގައުމުތަކުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ހިންގާ ޕްރޮޖެކްޓްތަކަށް 6.8 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދޫކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.
އެމެރިކާގެ ބޮސްޓަން ޔުނިވާސިޓީން ކުރި ދިރާސާތަކުން ބުނިގޮތުގައި މިދިޔަ އަހަރު ދުނިޔޭގެ އެކި ބައްރުތަކުގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ހިންގާ ޕްރްޖެކްޓުތައް ކުރިއަށް ގެންދިއުމަށް ޗައިނާގެ ދައުލަތުގެ ބޭންކްތަކުން 25.6 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން ބައިކުޅައެއްބައި ލޯނު ދޫކޮށްފައިވަނީ އެފްރިކާއަށެވެ. އޭޝިއާ ބައްރަށް ޗައިނާއިން ދޫކޮށްފައިވަނީ 5.84 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެވެ.
ދެހާސްވަނަ އަހަރުން ފެށިގެން ޗައިނާއިންް އެފްރިކާބައްރަށް ވަނި 34.8 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދޫކޮށްފައެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕީ ވަނީ މިއަހަރު ނިމޭއިރު އެފްރިކާއަށް 60 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓުމަންޓުތައް ގެންނަވާނެކަމަށް ވައުދުވެވެޑައިގެންފައެވެ.
ޗައިނާއިން އެންމެ ގިނައިން ލޯނުދޫކޮށްފައިވަނީ އެފްރިކާގެ ހަ ގައުމެއް ކަމަށްވާ އެންގޯލާ، ނައިޖީރިއާ، ޒެމްބިއާ، ޔޫގެންޑާ، ސައުތު އެފްރިކާ އަދި ސޫދާނަށެވެ. އެ ހަގައުމަށް އެކަނިވެސް ޗައިނާއިން ވަނީ 34.8 ބިލިއަން ޑޮލަރުގެ ލޯނުދޫކޮށްފައެވެ. އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ހަކަތައުފެއްދުމަށް ހިންގާ ޕްރޮޖެކްޓުތަކަށެވެ.
ޗައިނާއިން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ލޯނުދޭއިރު ދަރަނި ބޮޑުވާކަމަށް ބުނެ އޭޝިއާއާއި އަދި ޔޫރަޕްގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޗައިނާއިން އުމްރާނީ މަސައްކަތްތައް ކުރިއަށް ގެންދަ މަޝްރޫއުތަކުގައި ޗައިނާގެ ކުންފުނިތަކަށް ކޮންޓްރެކްޓްތައް ގިނައިން ހަވާލުކުރާ މައްސަލަވެސް ވަނީ އެގައުމުތަކުން ނަގައިފައެވެ.
މަސްދަރު: ފައިނޭންޝިއަލް ޓައިމްސް