12 Mar 2018, 08:41
ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދިޔަ ބޭސިކް ސައިން ލޭންގުއޭޖް ޕްރޮގްރާމް ނިންމާލައި އެ ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން އާއި ޖެންޑާ އެންޑް ފެމެލީގެ ޑެޕިއުޓީ މިނިސްޓަރު ލީޝާ މުހައްމަދެވެ.
ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ޖަބީން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ދޭން ޖެހޭ ކަމަށާއި ނިމިގެން މި ދިޔަ ކޯހަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ކޯހެއްކަމަށެވެ.
"މި ކޯހަކީ މުހިއްމު ފައިދާކުރަނިވި ކޯހެއް. ސައިން ލޭންގުއޭޖް ދަސްކުރުމުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްދޭން ފަސޭހަވާނެ،" އޭނާ ވިދާޅުވިއެވެ.
ކޯހުގައި ބައިވެރިވި ދަރިވަރަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދުގެ ރަސްމިއްޔާތުގައި ކޯހުގައި ވަނަ ވަނައަށް އައި ބައިވެރިންނަށް ވެސް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
ސައިން ލޭންގުއޭޖް ކޯސްތަކުގައި ބައިވެރިވެ މިހާތަނަށް 260 އަށް ވުރެ ގިނަ ބައިވެރިން ވަނީ ހަނދާނީ ލިޔުން ހޯދާފައެވެ.