11 Mar 2018, 14:39
ދިއްލީ (މާޗް 11): އިންޑިއާގެ 1،765 މަޖިލިސް މެމްބަރުންގެ ޖިނާއީ މައްސަލަތައް އެގައުމުގެ ކޯޓުތަކުން ބަލަމުންދާ ކަމަށް އިންޑިއާގެ މައި ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓަށް ސަރުކާރުގެ ގާނޫނާ ބެހޭ މިނިސްޓްރީން ހުށަހެޅި ބަޔާނެއްގައިވާ ގޮތުން 2014 އާއި 2017އާ ދޭތެރޭ އެ މެމްބަރުން ކޯޓަށް ހާޒިރުކޮށްފައި ވަނީ 3،816 މައްސަލައަކާ ގުޅިގެންނެވެ.
އޭގެ ތެރެއިން އެންމެ ގިނަ މަޖިލިސް މެމްބަރުން ކޯޓަށް ހާޒިރުކޮށްފައި ވަނީ އުއްތަރަ ޕްރަދޭޝްގައި ކަމަށާއި އެސްޓޭޓުގެ 248 މެމްބަރުން ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ޓަމިލް ނާޑޫގެ 178 މެމްބަރުންނާއި ބިހާރުގެ 144 މެމްބަރުންނާއި ވެސްޓް ބެންގާލްގެ 139 މެމްބަރުންގެ މައްޗަށް ވެސް ޖިނާއީ މައްސަލަތަކުގައި ތުހުމަތުތައްކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ އެ 3،816 މައްސަލައިގެ ތެރެއިން ކޯޓުން ޝަރީއަތް ނިންމާފައި ވަނީ އެންމެ 771 މައްސަލާގައި ކަން ފާހަގަކޮށްފަ އެވެ. އަދި އެފަދަ މައްސަލަތައް އެއް އަހަރު ތެރޭ ނިންމަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި އޮތް ނަމަވެސް، އެއް އަހަރު ތެރޭ ނިންމާފައި ވަނީ އެންމެ 125 މައްސަލަ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
އިންޑިއާގެ ސުޕްރީމް ކޯޓަށް އެބަޔާނު ހުށަހެޅީ ވަކީލަކު ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެވަކީލު ގެންދަވަނީ ކުށެއް ސާބިތުވާ މަޖިލިސް މެމްބަރުން، ދެން މެމްބަރުކަން ނުކުރެވޭ ގޮތަށް ހެދުމަށް ގޮވާލައްވަމުންނެވެ.