11 Mar 2018, 14:24
ބެއިޖިން(މާޗް 11): ޗައިނާގެ ރައީސަށް ވެރިކަން ކުރެވޭނީ ޖެހިޖެހިގެން ދެ ދައުރަށް ކަމަށް ކަނޑައަޅާ މާއްދާ އުވާލައި، ރައީސް ޝީ ޖިންޕިންއަށް "އުމުރަށް ވެރިކަން ކުރެއްވުމަށް" ފުރުސަތުދޭ ބިލު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ނެގި އެވޯޓުގައި 2،964 މެމްބަރުން ބައިވެރިވި އިރު، ދެ ޑެލިގޭޓުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވައިފައެވެ. އަދި ތިން ޑެލިގޭޓުން ވަނީ ވަކި ކޮޅަކަށް ވޯޓު ދެއްވަން ދެކޮޅު ހައްދަވައިފައެވެ.
ޗައިނާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ރައީސަށާއި ނައިބު ރައީސަށް ވެރިކަން ކުރެވޭނީ ފަސް އަހަރުގެ ދެ ދައުރަށެވެ. އެހެންކަމުން އެގާނޫނުތަކުގެ ދަށުން، 2023 ވަނަ އަހަރު ރައީސް ޝީ އިސްތިއުފާ ދެއްވަން ވާނެ އެވެ.
ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާގައި ބޭއްވި ކޮމިއުނިސްޓް ޕާޓީ ކޮންގްރެސްގައި ރައީސް ޝީ ވަނީ އެޕާޓީގެ ބާނީ މާއޯ ޒެޑޮންގަށް ފަހު ޗައިނާގައި ވެރިކަން ކުރާ އެންމެ ބާރުގަދަ ލީޑަރުގެ ލަގަބު ހޯއްދަވައިފައެވެ. އެގޮތުން އެޕާޓީން ވަނީ ޝީގެ ސިޔާސީ ވިސްނުންފުޅު ޕާޓީގެ ގާނޫނު އަސާސީގައި ހިމަނަން ފާސްކޮށްފައެވެ.
ދެހާސްބާރަ ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ޝީ، ކޮމިއުނިސްޓު ޕާޓީން ކޮރަޕްޝަން ނައްތާލުމަށް ކުރެއްވި މަސައްކަތަށް ގިނަ ބަޔެއްގެ ތައުރީފު ވަނީ ލިބިފައެވެ. ނަމަވެސް ޝީގެ ވެރިކަމުގައި ޗައިނާއިން ވަނީ ސެންސަރު ކުރުމާއި ސާވެއިލެންސް ފަދަ ރައްޔިތުންގެ މިނިވަން ކަމަށް ހުރަސް އެޅޭ ފަދަ ޕްރޮގްރާމްތައް އިތުރުކޮށްފައި ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. (ބީބީސީ)