24 Aug 2011, 13:22
ދެ މީހަކު ގަސްތުގައި މަރާލި ކަމުގެ ދައުވާ އުފުލާ އަދި ނުރައްކާތެރި ކުއްވެރިންގެ ތެރޭގައި ހިމެނޭ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން ކްރިމިނަލް ކޯޓްގައި މިއަދު އުފުލައިފި އެވެ.
ޝަހުމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ އުފުލަނީ ޖުލައި 30، 2010 ގައި ސޯޝަލް ސެންޓަރު ފުރަގަހު، "މާޒިޔާ ދަނޑުގައި" ކުޅުނު ފުޓްބޯލަ މެޗަށް ބަލަންތިބި "ބިސް ބުރު ޓީމާއި ބުރު ޓީމުގެ" ސަޕޯޓަރުންގެ މެދުގައި ހިންގި ހަމަނުޖެހުންތަކުގައި މާރާމާރީ ހިންގާފައިވާތީ ކަމަށެވެ. އަދި އެ މާރާމާރީގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން އާއި އިތުރު ދެ މީހަކަށް ވެސް ޒަހަމްކޮށްލާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އެ މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާދެނިކޮށް މުހައްމަދު ހުސައިން ވަނީ އެ ދުވަހު މަރުވެފަ އެވެ.
~
ޝަހުމްގެ މައްޗަށް މިއަދު ޓެރަރިޒަމްގެ ދައުވާ ކުރާއިރު، މާޒިޔާ ދަނޑުގައި ހިންގި މާރާމާރީގައި މަރުވި މުހައްމަދު ހުސައިން ގަސްތުގައި މަރާލި ކަމުގެ ދައުވާ ދައުލަތުން ޝަހުމްގެ މައްޗަށް އުފުލަ އެވެ. މިދިޔަ މާޗް މަހު މަޖީދީމަގުގައި އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތު ވެސް ފުލުހުން ކުރަނީ ޝަހުމްގެ މައްޗަށެވެ.
ޓެރަރިޒަމްގެ ދައުވާ ޝަހުމްގެ މައްޗަށް އުފުލީ ޓެރަރިޒަމްގެ މަނާކުރުމުގެ ގާނޫނުގެ 6 މާއްދާގެ )ހ(ގެ ދަށުންނެވެ. އެ މައްދާގެ )ހ( ގައި ބުނަނީ ޓެރަރިޒަމްގެ ކުށެއްގައި މަރުވެއްޖެނަމަ އެ ކުށްކުރި މީހާގެ އަދަބަކީ މެރުމެވެ. ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުމެވެ. މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވީ މީހެއްގެ އަދަބަކީ ވެސް އެއީ ކަމަށާއި އެފަދަ މައުލޫމާތެއް ސިއްރު ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ އަރުވާލުމެވެ.
ޝަރީއަތުގެ މަޖިލީހުން ނެރެގެން ކުށްވެރިން ބައިތިއްބާފައި ތިބޭ ކޮޓަރިއަށް ޝަހުމް ގެންދަނިކޮށް އޭނާ ވަނީ ޝަރީއަތް ކަވާ ކުރި ނޫސްވެރިންނަށް އިންޒާރުދީ ބިރު ދައްކާފަ އެވެ.
"ކަލޭމެންގެ ސަލާމަތަށް ވިސްނާނީ ކަލޭމެން" ޝަހުމް ބުންޏެވެ.
މީގެ ކުރިންވެސް ޝަހުމް ވަނީ ކޯޓްގައި ނޫސްވެރިންނަށް ދިމާކޮށް ބިރުދައްކާފަ އެވެ. އެ ގޮތުން އެދުވަހު އޭނާ ބުނެފައި ވަނީ ނޫސްވެރިން ވިސްނައިގެން އުޅުމަށެވެ. އަދި އޭނާގެ ޚަބަރުތައް ލިޔަން "ކަލޭމެން ބިރުގަންނަންޖެހޭނެ" ކަމަށެވެ.