މިއަދު ހެނދުނު މ. ވީނަސް ގޭ ފަސް ވަނަ ބުރިން ވެއްޓި މަރުވި ޒުވާނާއާ އެކު އެއްކޮޓަރީގައި އުޅުނު ތިން މީހުން ހައްޔަރުކޮށްފިއެވެ.

މިއަދު ހެނދުނު ހައެއް ޖަހާކަން ހާއިރު މ. ވީނަސް ގޭ ފަސް ވަނަ ބުރިން ވެއްޓި މަރުވެފައި ވަނީ ގ. މެޑޯ އުމުރުން 22 އަހަރުގެ އަހުމަދު އިޔާޝް އެވެ.

މަންޒަރުދުށް ފަރާތަކުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ދެ އަންހެނަކާއި އެއް ފިރިހެނެކެވެ. އެ ތިން މީހުން ވެސް މ. ވީނަސް ގެއިން ނެރެގެން ފުލުހުންގެ ވެހިކަލުގައި ގެންދިޔަ މަންޒަރު ފެނިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެނގިފައިވާ ގޮތުގައި މ. ސޮނީ ހާޑުވެއާ ހިންގާ އެ އިމާރާތުގެ ފަސް ވަނަ ބުރިއަކީ ގެސްޓްހައުސްއެއްގެ ގޮތުގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ތަނެކެވެ. އަދި މަރުވި ޒުވާނާއާ އެކު އެ ކޮޓަރީގައި ތިން މީހަކު އުޅެމުން ދިޔައިރު އެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހި ހަމަނުޖެހުން ހިނގާފައިވާ ކަމަށް ވެސް ވަނީ އެނގިފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.