11 Mar 2018, 14:51
މިދިޔަ އަހަރު ރަޝިއާއަށް ޗައިނާގެ 1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާ އިން ރަޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލީ ހުއި ވިދާޅުވީ މިދިޔަ އަހަރު ރަޝިއާއަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައި ވަނީ ވެސް ޗައިނާގެ ފަތުރުވެރިން ކަމަށެވެ.
ލިޔު ވިދާޅުވީ ޗައިނާގެ ފަތުރުވެރިން ރަޝިއާއަށް ޒިޔާރަތްކުރުމުގެ ގޮތުން ޗައިނާ އާއި ރަޝިއާގެ އެންމެ އިރުމަތީ ސަރަހައްދާ ދެމެދު 32 މަގެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ. ޗައިނާގެ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާގެ ވުލަޑިވޮސްޓޮކް ސިޓީ އާއި އަދި ވެރިރަށް މޮސްކޯ އަށެވެ.
ރަޝިއާ އާއި ޗައިނާއާ ދެމެދު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ދެގައުމުން ދަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ. ރަޝިއާއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިން އިތުރުވެފައިވާތީވެ ރަޝިއާ އިން ވަނީ ޗައިނާ ބަސް ދަންނަ މީހުން އެއާޕޯޓާއި އަދި ރޭލްވޭ ސްޓޭޝަންތަކަށް ލައިފަ އެވެ. އަދި ޗައިނާގެ ޓުއާ ގްރޫޕްތަކަށް ވިސާއާ ނުލައި ރަޝިއާއަށް ދެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
ރަޝިއާގެ އިންޑަސްޓްރިއަލް މަސައްކަތްތައް ބަލާލުމަށް ވެސް ޗައިނާގެ ވަރަށް ގިނަ ފަތުރުވެރިން ރަޝިއާއަށް ޒިޔާރަތްކުރެެ އެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ވެސް އެންމެ ބޮޑަށް ހިއްސާ ކުރާގައުމެވެ.
މަސްދަރު: އާރުޓީ