11 Mar 2018, 12:54
ޓީސީ ސްޕޯޓްސް ކްލަބުގެ އަބަދުﷲ ހަނީފް (ބެންޖޯ)އަކީ މިހާރު ދަނޑުމަތިން ފެންނަ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާއެވެ.
ވީބާ އައްޑޫ އެފްސީއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ރާއްޖޭގެ ގައުމީ ޓީމަށްވެސް ކުޅެފައިވާ އުމުރުން 33 އަހަރުގެ ބެންޖޯ، ޓީސީ ސްޕޯޓްސް ކްލަބާ ގުޅުނީ 2017 ވަނަ އަހަރުގެ ސީޒަނަށެވެ. ޓީސީއާ ބެންޖޯ ގުޅުނުއިރު ގިނަ ބަޔަކު ބުނަމުންދިޔައީ ބެންޖޯގެ ކެރިއަރުގެ މިސްރާބު ހުރީ ނިމުމަކާ ދިމާލަށް ކަމަށެވެ. އެހެންނަމަވެސް މިދިޔަ ދެ ސީޒަނެއްގައި ބެންޖޯ ދެއްކި ކުޅުމާއެކު އޭނާގެ ކެރިއަރު ވަރަށް ބޮޑަށް އެނބުރިގެންދިޔައެވެ. ހާއްސަކޮށް ޓީސީގެ ފަހަތުން އޭނާ ދައްކަމުންދާ ކުޅުމަކީ ގިނަ ކޯޗުންގެ ތައުރީފް އޭނާއަށް އަމާޒުވި ކުޅުމެކެވެ.
ޓީސީއާއި ނިއު ބައްދަލުކުރި މެޗުގައި ނިއުގެ ހަމްޕު އަތުން ބޯޅަ ހޯދުމަށް ބެންޖޯ މަސައްކަތްކުރަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ
ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުގައި މިވަގުތު ހުރި ލާޒްލޯ ކިސްއަކީ ދިވެހި ފުޓުބޯޅައިގެ ތާރީހީ ކޯޗެކެވެ. ގިނަ ބާބުތަކެއްގައި އޭނާގެ ނަން އޮންނާނެއެވެ. ފުރަތަމަ 1996 ވަނަ އަހަރު ކްލަބު ވެލެންސިއާގެ ކޯޗުކަމާ ހަވާލުވުމަށް ރާއްޖެއައި ކިސްއަކީ މިހާރު ދިވެހި ގިނަ ކޯޗުންނަށް ވުރެ ރާއްޖޭގައި ކާމިޔާބު ބޮޑު ކޯޗެކެވެ. 2008 ވަނަ އަހަރު ވީބީ އައްޑޫ އެފްސީގެ ކޯޗުކަމުގައި ކިސް ވަނީ މިހާރު ޓީސީގައި ހުރި ބެންޖޯއާއެކު ވެސް މަސައްކަތްކޮށްފައެވެ.
މާލޭ ލީގުގައި މިއަދު ވިކްޓަރީއާއި ޓީސީ ބައްދަލުކުރާ މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކިސް ބުނީ ބެންޖޯ މިހާރު ކުޅޭ ކުޅުން މީގެ 10 އަހަރު ކުރިން އޭނާގެ ފަރާތުން ނުފެންނަ ކަމަށެވެ.
"ބެންޖޯއާއި މިސްރުގެ އަލާގެ ޑިފެންސް ވަރަށް ވަރުގަދަ. މީގެ 10 އަހަރު ކުރިން ނުކުޅޭ ވަރަށް މިހާރު ބެންޖޯ އެބަ ކުޅޭ. ޓީސީގެ މިޑްފީލްޑާއި ފޯވަޑްގެ ގުޅުން ވަރަށް ރަނގަޅު. އަހަރެންގެ ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ޑިފެންސެއް ނެތުން. ޓީސީގެ މައްސަލައަކީ ކީޕަރުގެ މައްސަލަ ކަމަށް ވެދާނެ. އެންމެފަހުން މެޗުގައި ޓީސީގެ ގޯލަށް ވަން ދެ ގޯލުގައިވެސް ކީޕަރު މައްސަލައެއް އުޅޭ ކަންނޭނގެ،" ޓީސީގެ ކުޅުމާ ގުޅޭގޮތުން ކިސް ބުންޏެވެ.
މިއަދުގެ މެޗަށް ކިސްއާ ދެކޮޅަށް ނުކުންނަ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަކީވެސް ފުޓުބޯޅައިގައި އޭނާގެ ދަރިވަރެކެވެ.
"ޓީސީ ޓީމާއެކު ނިޒާމްބެ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފި. ޓީސީ ކުޅެނީ ރީތި ކުޅުމެއް. އަވަސް ކުޅުމެއް. އެހެންނަމަވެސް ޓީސީ އަތުން މޮޅުވާން ހުރިހާ މަސައްކަތެއް ކުރާނަން. ކޮންމެ މެޗަކަށްވެސް ނުކުންނާނީ މޮޅުވާން،" ކިސް ބުންޏެވެ.
ކިސް އިތުރަށް ބުނީ ވިކްޓަރީން އެންމެފަހުން ކުޅުނު ދެ މެޗުންވެސް ބަލިވީ މޮޅު ކުޅުމެއް ދައްކާފައި ވަނިކޮށް ކަމަށާއި، އެހެންވެ މާޔޫސް ނުވާ ކަމަށެވެ.
"ވިކްޓަރީން އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް މޮޅަށް ކުޅެ ބަލިވީ. މިހުރީ ދެރަވެފައެއް ނޫން. އެންމެފަހުން މެޗުގައި ހަމަ ރީނދޫ މީހާ (ރެފްރީ)ގެ ގޯސްތައް ފެނުނީ. ވިކްޓަރީއަށް އޮތް ގޮތަކީ މޮޅުވުން. މޮޅުވުން. މޮޅުވުން،" ކިސް ބުންޏެވެ.
މާލޭ ލީގުގައި ވިކްޓަރީއާއި ޓީސީ ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.