11 Mar 2018, 12:39
އެސްޓިއޯ މާލޭ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިފަހަރުގެ ލީގުގެ ފެށުން ދިޔައީ ދަށްކޮށެވެ.
ފުރަތަމަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނުކުމެ، ނިންމާލަން ޖެހުނީ ޕޮއިންޓަކުންނެވެ. މެޗުގައި 2-0 ގެ ނަތީޖާއަކުން ލީޑު ކުރަމުންދިޔަ މާޒިޔާއިން ލީޑު ގެއްލުވާލީ ފަހު ހަ މިނެޓް ތެރޭގައި ގްރީނުން ޖެހި ދެ ގޯލަކާ އެކީގައެވެ. ދެވަނަ މެޗުގައި ވާދަވެރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާޒިޔާ ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅެފައި ކަމަށް މެޗަށްފަހު ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ވަނީ ބުނެފައެވެ.
މާލޭ ލީގުގައި މިއަދު ވެލެންސިއާއާ ދެކޮޅަށް މާޒިޔާ ނުކުންނަ މެޗާ ގުޅިގެން އިންމަ ބުނީ މިއީ ނަތީޖާ ނެރެން މުހިއްމު މެޗެއް ކަމަށާއި ހަމައެކަނި މޮޅަށް ކުޅެގެން ކުރިއަށް ދެވެން ނެތް ކަމަށެވެ.
"ޓީމުގެ ކުޅުންތެރިންގެ ކޮންފިޑެންސާ ދަނޑުމަތީގައި ކުރާ މަސައްކަތަކާ. މީގެ އެއްވެސް ކަމަކަށް ބަދަލެއް ނާދޭ. ފުރަތަމަ މެޗުގައި ހެދުނު ގޯސްތަކަކުން ފަހުވަގުތު ކޮންސެންޓްރޭޝަން ގެއްލިގެން އެއްވަރުވީ. ދެވަނަ މެޗު ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ހަމައެކަނި ކުޅެގެން ކުރިއަކަށް ނުދެވޭނެ. ނަތީޖާވެސް ނެރެން އެބަޖެހޭ. ނަތީޖާ ނެރެވެމުން ޓީމު އިތުރަށް މޯޓިވޭޓްވެ ކުރިއަށްދާން ހިތްވަރު ލިބޭނެ. ލީގުގައި ކުރިއަށްދާން މޮޅަށް ކުޅެ ނަތީޖާވެސް ނެރެން ޖެހޭ،" އިންމަ ބުންޏެވެ.
އެސްޓީއޯ މާލޭ ލީގުގައި ކްލަބް ގްރީންސްޓްރީޓްސް އާއި މާޒިޔާއާ ބައްދަލުކުރި މެޗުގެ ތެރެއިން---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް
އިންމަ ބުނީ މިއަދުގެ މެޗަކީ ފަސޭހަވާނެ މެޗެއް ނޫން ކަމަށާއި، ފަސޭހަ ކުރެވެންވެސް އޮތް މެޗެއް ނޫން ކަމަށެވެ.
"އެއްވެސް ގޮތަކަށް މެޗު ފަސޭހަ ނުކުރާނަން. ފަސޭހަ ކުރެވެންވެސް ނެތް. ވެލެންސިއާއަކީ ބަލި ޓީމެއް ނޫން. މާޒިޔާއަށް އޮތް ފައިދާއަކީ މާޒިޔާގެ ކެޕޭސިޓީ އެންމެ ރަނގަޅަށް ބޭނުން ކުރުން. ގަބޫލުކުރަނީ ވެލެންސިއާ ބަލިކުރެވޭނެ ކަމަށް. ކުޅުންތެރިންވެސް ތިބީ އެ އަޒުމާއެކު. ވެލެންސިއާ އަންޑަރ އެސްޓިމޭޓް ނުކުރާނަން. އެޓީމަށް ފުރިހަމަ އިހުތިރާމް ދީގެން ނުކުންނާނީ،" އިންމަ ފާހަގަކުރިއެވެ.
މާޒިޔާ އަދި ވެލެންސިއާއަށްވެސް ދެ މެޗުން ޕޮއިންޓެއް ލިބިފައިވާއިރު ދެޓީމުވެސް ތާވަލުގައި އޮތީ އުނދަގޫ ހާލަތެއްގައެވެ. އެހެން ނަމަވެސް އިންމަ ބުނީ ތާވަލަށް ބަލަން އަދި އަވަސް ކަމަށާއި ކުރިއަށް ދާނަމަ މޮޅެއް މުހިއްމު ކަމަށެވެ.
"ދިގު ދެމިގެންދާ ލީގެއްގައި އަދި މި ކުޅެވުނީ ދެ މެޗެ. އެހެންވީމަ އަދި އޮވެދާނެ ތާވަލުގެ ކޮންމެ ހިސާބެއްގައިވެސް. ތާވަލުގައި އޮތް ހިސާބު ބަލާލާއިރު އިދިކޮޅަށް ކުޅުނު ޓީމުތަކާ، އެހެން ކަންކަމަށްވެސް ބަލާލަން ޖެހޭނެ. އެއަކަށް ދެން ނުބަލަން. ކުރިއަށް ދާނަމަ މޮޅުވާން ވަރަށް މުހިއްމު،" އިންމަ ބުންޏެވެ.
އިންމަ އިތުރަށް ބުނީ ސަޕޯޓަރުންނާއި ކްލަބުގެ މެނޭޖުމަންޓްގެ ވިސްނުމާ އެއްވަރަށް ކުޅޭތަން ދައްކާލުމަށް ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ރަނގަޅު ހިތްވަރެއްގައި ކަމަށާއި، ޓީމަށް އުނދަގޫ ފެށުމެއް ކުރިމަތިވި ނަމަވެސް މޯޓިވޭޝަނަށް ބަދަލެއް ނާންނަ ކަމަށެވެ.
މާޒިޔާއާއި ވެލެންސިއާ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00ގައެވެ.