އެންޓި ޑިފެކްޝަންގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ބަހުސް، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

އެންޓި ޑިފެކްޝަންގެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި ބިލެކެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲއެވެ.

އެންޓި ޑިފެކްޝަން ބިލުގައި ބުނާގޮތުން އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެއެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގަތް ނަމަވެސް ގޮނޑިއެއް ނުގެއްލޭނެއެވެ. އެހެން ނަމަވެސް ޕާޓީއަކާ ގުޅުމަށްފަހު، މިއިން ކަމެއް ހިނގައިފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ވެއެވެ.

މި ބިލު ފާސްކުރާނީ ޕީޕީއެމް/އެމްޑީއޭ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ 99 ޕަސެންޓް މެންބަރުންގެ ތާއީދާއެކު ކަމަށް، ބިލު ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ފަނޑިޔާރުންގެ ގާނޫނަށް މެންބަރު އަބްދުއްރަހީމް ހުށަހަޅުއްވާފައި ވަނީ އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)އަށް އަކުރެއް އިތުރު ކުރުމަށެވެ.

އެގޮތުން ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ގޮތަށް ބަދަލު ކުރުމަށް އިސްލާހު ވަނީ ހުށަހަޅައިފައެވެ. ފަނޑިޔާރެއްގެ މައްޗައް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ހުކުމްކުރާ ދުވަހުން ފެށިގެން ފަނޑިޔާރުކަން ގެއްލޭނެކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، އެއީ ސުލޫކީ މައްސަލައަކާ ގުޅިގެން އެޅޭ ފިޔަވަޅަކަށް ނުވާތީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ފަނޑިޔާރަކު ވަކި ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ނުހިނގާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހަށް ހާޒިރުވާ މެމްބަރުންގެ ތިން ބައިކުޅަ ދެބައި އަޣުބަލިއްޔަތު ލިބިގެން ކަމަށް ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނެފައިވެއެވެ.

ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު މިވަގުތު ހުންނެވި އިރު، ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ މާމިގިލީ ކޯޓުގެ ގާޒީ އަހުމަދު ނިހާން ވެސް ހުންނެވީ ޖަލުގައެވެ. އޭގެ ތެރެއިން އެއްވެސް ބޭފުޅަކު މަގާމުން ވަކިކޮށްފައެއް ނުވެއެވެ. ނަމަވެސް އެބޭފުޅުން ތިއްބެވީ ސަަސްޕެންޑް ކޮށްފައެވެ.