ތެހެރާން (11 މާރިޗު): ކެމިކަލް ހަތިޔާރު ވަކި ގައުމުތަކުން ބޭނުންކުރިކަމުގަިއ ވިޔަސް ދުނިޔޭގެ ބާރުތަކަށް އެކަންް އެއްވެސް މައްސަލައަކަށް ނުވާ ކަަމަށް އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގެ ޒުވާނުންނަށް ބައްދަލުކުރައްވައި ޚާމަނާއީ ވިދާޅުވީ އިރާގާ އީރާނާ ދެމެދު 1980 ގެ އަހަރުތަކުގެ ތެރޭގައި ކުރެވުނު ހަނގުރާމައިގެ ދުވަސްވަރު އިރާގުން ކެމިކަލް ހަތިޔާރު ބޭނުންކުރި ނަމަވެސް، އެކަން ހުޅަނގުގެ ބާރަކަށް އެއްވެސް މައްސަލައަކަށް ނުވި ކަމަށެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިނުގެ ވެރިކަމުގައި ކެމިކަލް ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން އިރާގުގެ ކުރުދީން އަދި އީރާނުގެ އެތަކެއް ރައްޔިތުން މަރުވިއެވެ.

ސައްދާމްގެ ވެރިކަމުގެ ދުވަސްވަރު ފްރާންސުންނާއި އަދި ޖަރުމަނު ވިލާތުން ވަނީ ކެމިކަލް ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާތައްވެސް ފޯރުކޮށްދީފައެވެ.

އިރާނު-އިރާގު ހަނގުރާމައިގެ ދުވަސްވަރު ކުރުދީންނާ ދެކޮޅަށް ސައްދާމުގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރުމުން އާންމުން މަރުވެފައި---

ކެމިކަލް ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން އަދިވެސް އީރާނުގެ ބައެއް ރައްޔިތުން ދަނީ އޭގެ ވޭން ތަހައްމަލު ކުރަމުންނެވެ.

ސީރިއާގެ ސަރުކާރުން އެގައުމުގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަމަށް ކުރެވިފައިވާ ތުހުމަތުތަކަށް ރައްދު ދެއްވައި ޚާމަނާއީ ވިދާޅުވީ، ކެމިކަލް ހަތިޔާރުގެ ވާހަކަ ދައްކާއިރު، ސައްދާމް ހުސައިނަށް ކެމިކަލް ހަތިޔާރު ފޯރުކޮށްދިނީ ހުޅަނގުގެ ގައުމުތަކުން ކަމަށެވެ.

އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ސައްދާމް ކެމިކަލް އާންމުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރިކަން އެމެރިކާގެ ޖާސޫސީ އިދާރާއަށްވެސް އެނގެއެވެ. ނަމަވެސް އެމެރިކާއިން އެކަމާ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ސީރިއާގެ ސަރުކާރުން ކެމިކަލް ހަތިޔަރު ބޭނުންކުރިކަން ސާބިތުވެއްޖެނަމަ ސީރިއާއަށް ހަމަލާދޭނެ ކަމަށްވެސް ފްރާންސުން ދާދި ފަހުން ވަނީ ބުނެފައެވެ.

މަސްދަރު: ޕްރެސްޓީވީ