މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގައި މިހާރު އޮތް ފޯވަޑްލައިން ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ކްލަބު ވެލެންސިއާގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވެލެންސިއާ އަދި މާޒިޔާ ވާދަކުރާ މެޗާ ގުޅިގެން ސޮބާ ބުނީ މާޒިޔާއަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ހާއްސަކޮށް ފޯވަޑްލައިނުން ފެންނަ ކޯނެލިއަސް ސްޓުވާޓާއި، ނާއިޒް ހަސަން (ދާދު) އަދި އަހުމަދު އިމާޒް (އާއްކޮ)އަކީ އެޓީމުގެ ގަދަ ފައި ކަމަށެވެ.

"މާޒިޔާގެ ކުރިއަށް ކުޅޭ ކޯނެލިއަސް، ދާދު އަދި އާއްކޮ މި ކުޅުންތެރިންނަށް ބަލާލާއިރު ވަރަށް އަވަސް ވަރަށް ހަލުވި. ވަރަށް ސަމާލުވެގެން ނޫނިއްޔާ މި ސްޓްރައިކްލައިން ނުހިފޭއްޓޭނެ. އޭގެ އިތުރުން މާޒިޔާގެ ވީކް ޕޮއިންޓްވެސް ފާހަގަކޮށްލެވޭ. މިއީ އެއްވެސް ހާލެއްގައި މާޒިޔާ ދަށް ކޮށްލަނީކީ ނޫން. މާޒިޔާއަކީ މިހާރު ހަމަ ރާއްޖޭގައި އޮތް އެއް ކްލަބު. ވަރަށް ސަމާލުވާނަން. އެންމެ ޕޮއިންޓެއްވެސް ނަގަން ސަމާލުވާނަން،" ސޮބާ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގައި ކޮނެލިއަސް ބޯޅައާއެކު ކުރިއަށްދަނީ - ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ސޮބާ ބުނީ މިއަދުގެ މެޗަށް ނުކުންނައިރު ވެލެންސިއާއިން ޑިފެންސަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި ގޭމް ހުޅުވާލަން ފުރުސަތު ނުދެވޭނެ ކަމަށެވެ.

"ވެލެންސިއާ މިވަގުތު އޮތް ހާލަތަށް ބަލައި ގޭމް މާބޮޑަށް ހުޅުވާލެވޭކަށް ނީންނާނެ. ކޮންމެ މެޗަކީ ތަފާތު މެޗެއް. ތަފާތު ގޭމް ޕްލޭނެއް އިންނާނީ. ކޮންމެ ގޮތެއްވިޔަސް ވަރުގަދަ ޓީމަކާއެކު ނުކުންނައިރު އެބަ ވިސްނަން ޖެހޭ ވަރަށް ބޮޑަށް. ވަރުގަދަ ޓީމަކާ ދެކޮޅަށް ނުކުންނައިރު، ޑިފެންސުގެ ކޮންސްޓްރޭޝަނަށް ވަރަށް ބޮޑަށް ބައިދަން އެބަޖެހޭ. ކުޅުންތެރިންނަށް ވިސްނާ ދެމުން މިދަނީ އެންމެ ސިކުންތަކަށްވެސް މާޒިޔާގައި އެތިބަ ކުޅުންތެރިން ލޯ މަތިން ގެއްލުވާ ނުލާ ހިފަހައްޓަން،" ސޮބާ ބުންޏެވެ.

މާލޭ ލީގުގައި ވެލެންސިއާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާތަނަށް މާލޭ ލީގުގައި ކުޅުނު ދެ މެޗުން ޕޮއިންޓެއް ހޯދައިފައިވާ ވެލެންސިއާއިން އެންމެފަހުން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

ސޮބާ ބުނީ މިއަދުގެ މެޗަށް ނުކުންނާނީ އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރުމަށް ވިސްނައިގެން ކަމަށާއި، މިއަދު އިދިކޮޅަށް ނުކުންނަ މާޒިޔާއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށެވެ.

"އީގަލްސް މެޗުގައި ގޯސްތައް ރަނގަޅުކޮށް، މާޒިޔާއަކީ ކިހާވަރެއްގެ ޓީމެއްކަން ދެނެގެން މި ނުކުންނަނީ. އެއްގޮތަކަށްވެސް ފަސޭހަ މެޗެއް ނޫން. މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ދެ ޓީމުގެ ތެރެއިން އެއް ޓީމު މާޒިޔާއަކީ. އެގޮތުން ވަރަށް ބޮޑަށް ފޯކަސް ކޮށްގެން މާޒިޔާގެ ވަރުގަދަކަން ބަލައިގެން މި ނުކުންނަނީ،" ސޮބާ ފާހަގަކުރިއެވެ.

ސޮބާ ބުނީ ލީގު ކުރިއަށްދާ ވަރަކަށް އަދި ރަނގަޅުވާނެއޭ ބުނަން ވަގުތު ކުޑަވަމުންދާނެ ކަމަށާއި މިހާރުން މިހާރަށްވެސް ޕޮއިންޓްތަކެއް ނަގަން މުހިންމު ކަމަށެވެ.

"އަޅުގަނޑުމެނަށްވެސް ޕޮއިންޓްތަކެއް ނެގުން މިހާރު ވަރަށް މުހިންމު. އަދި ވާނެއޭ ކޮންމެ ދުވަހަކު ބުންޏަސް ނުވާނެ. ޕޮއިންޓްތަކެއް ނަގަން އެބަޖެހޭ. އުންމީދު އެބައޮތް ކުޅުންތެރިންނަށް. ރަނގަޅު ފޯމެއްގައި ތިބީ. ފަރިތަކުރުންތަކުގައިވެސް ވަރަށް ބޮޑަށް މަސައްކަތް ކުރޭ. އިރާދަކުރެއްވިއްޔާ މެޗަކަށްފަހު މެޗެއް ރަނގަޅުވާނެ،" ސޮބާ ބުންޏެވެ.

ވެލެންސިއާއި މާޒިޔާ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.