11 Mar 2018, 11:05
ދިއްލީ (މާޗް 11): އިންޑިއާގެ މޮރާދުއާބާދުގައި ފިރިހެނަކު އޭނާގެ އަނބިމީހާގެ މޫނަށް އެސިޑު ޖަހައި ޒަހަމްކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު ސިރާޖު ބިވީ އޭނާގެ އަންހެނުން ފަރާގެ މޫނަށް އެސިޑު ޖެހީ އެދެމަފިރިންނަށް ދެވަނަ ކުއްޖަކު ލިބުނު އިރު، އެކުއްޖާއަކީ އަންހެނުން ކުއްޖަކަށް ވުމުން ކަމަށް ފަރާގެ އާއިލާއިން ބުންޏެވެ.
ފަރާގެ ދައްތަ ނުސްރަތު ޖަހަން ބުނި ގޮތުގައި އެސިޑު ޖެހުމުގެ ސަބަބުން 25 އަހަރުގެ ފަރާގެ މޫނާއި އަތާއި ބަނޑު ވެސް އަނދާފައިވެ އެވެ. އަދި އޭނާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ނުސްރަތު ބުންޏެވެ.
ފަރާ ބުނި ގޮތުގައި މީގެ އަށް އަހަރު ކުރިން އޭނާ ކައިވެނި ކުރި ސިރާޖު ވަނީ އޭނާ ފުރަތަމަ އަންހެން ދަރިފުޅު ވިހެއުމާ އެކު އަނިޔާ ކުރަން ފަށައިފަ އެވެ. އަދި ފަހުން ސިރާޖުގެ އާއިލާއިން ވެސް ވަނީ އެއަނިޔާގައި ބައިވެރިވެ، އެމީހުންނަށް ލާރި ދޭން ބުނަން ފަށާފައި ކަމަށް ފަރާ ބުންޏެވެ.
"ކޮންމެ ދުވަހަކު ލިބެމުން ދިޔަ އަނިޔާއަށް ކެތްކުރަމުން ދިޔައީ ދަރިންނަށް ޓަކައި. އަހަރެން ހިތަށް އެރީ ސިރާޖުއާ ވަކިވެއްޖެ ނަމަ އަހަންނަށާއި ދަރިންނަށް އަޅާލާނީ ކާކުބާއޭ،" ފަރާ ބުންޏެވެ.
ނަމަވެސް ފަރާ ބުނި ގޮތުގައި ސިރާޖު އާއި އޭނާގެ އާއިލާއިން އެހާވަރަށް އަނިޔާ ކުރި ނަމަވެސް އޭނާގެ ގަޔަށް އެސިޑު ޖަހާފާނެ ކަމަށް މީގެ ކުރިން ހިއެއް ނުކުރެ އެވެ. އަދި އެއީ އޭނާ ދުވަހަކު ވެސް މާފު ނުކުރާނެ ކަމެއް ކަމަށް ފަރާ ބުންޏެވެ.
އިނގިރޭސިވިލާތުގެ އެސިޑް ސަވައިވާސް ޓްރަސްޓް އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި ދުނިޔޭގައި ކޮންމެ އަހަރު 1،500 އެސިޑް ހަމަލާ ރިޕޯޓު ކުރެ އެވެ. އޭގެ ތެރެއިން ތިން ބައި ކުޅަ ދެބަޔަށް ވުރެ ގިނަ ހަމަލާތައް ދެނީ އިންޑިއާގައި ކަމަށް ވެސް ބައެއް ޖަމާއަތްތަކުން ލަފާ ކުރެ އެވެ.