އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ނުލައި ސްޕެނިޝް ލަލީގާގައި މަލާގާއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ރަށުން ބޭރުގައި މަލާގާއާ ދެކޮޅަށް ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މެސީ ބައިވެރިވެފައި ނުވަނީ، އޭނާ އަށް ތިން ވަނަ ދަރިއެއް ލިބުމާ ގުޅިގެން އާއިލާއާ އެކު ވަގުތު ހޭދަކުރުމަށެވެ. މިފަހަރު ވެސް މެސީއާއި އޭނާގެ އަންހެނުން އެންޓޮނޭލާ ރޮކޫޒާއަށް ލިބިފައި ވަނީ ފިރިހެން ދަރިއެކެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗުގެ 15 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ޔޯޑީ އަލްބާ ނަގައިދިން ހުރަހަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މަލާގާގެ ގޯލު ކައިރިން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގައި ބާސާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 28 ވަނަ މިނެޓުގަ އެވެ. އޮސްމާނޭ ޑެމްބެލޭ ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ، ޖެނުއަރީ ޓްރާންސްފާގައި ލިވަޕޫލުން އެޓީމާ ގުޅުނު ބްރެޒިލް މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ އެވެ. އެ ލަނޑުގެ ކުރިން ޕައުލީނިއޯއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

ބާސާއިން މެޗުގެ ލީޑު ފުޅާކުރިތާ ދެ މިނެޓް ފަހުން މަލާގާއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ އެޓީމުގެ ސެމިއުލް ގާސިއާއަށް ދެއްކި ރަތް ކާޑާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑު ދައްކާފައި ވަނީ ބާސާގެ އަލްބާއަށް ކުރި ނުރައްކާތެރި ފުއުލަކާ ގުޅިގެންނެވެ.

ސްޕެނިޝް ލަލީގާގައި ބާސާއާއި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން، ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ މަލާގާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން މަލާގާގެ ޔޫސުފް އެލް ނެސްރީއާއި މެހްދީ ލަސެންއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެ އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ލަނޑުގެ ލީޑަކާއެކު ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ. ދެވަނަ ހާފުގައި ބާސާގެ ސެމިއުލް އުމްޓިޓީއާއި ސުއަރޭޒާއި ކުޓީނިއޯ އަދި ޕައުލީނިއޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ސްޕެނިޝް ލަލީގާގެ އެއްވަނާގައި ބާސާ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބާސާއަށް 28 މެޗުން 72 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 27 މެޗުން ލިބިފައި ވަނީ 61 ޕޮއިންޓެވެ. އަދި ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ކުޅުނު 28 މެޗުން ލިބިފައި ވަނީ 57 ޕޮއިންޓެވެ.