11 Mar 2018, 10:22
ރަސްރަނި ބަގީޗާގައި ތަރައްގީ ކުރާ "ވިންޓާ ޕާކް" ތަރައްގީކުރަނީ ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދުކޮށްގެން ނޫން ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްރަނި ބަގީޗާގައި ހަދާ ވިންޓާ ޕާކަކީ ފަތުރުވެރިކަމުގެ ދާއިރާގެ ސީއެސްއާރުގެ ދަށުން ޚަރަދުކުރެވޭ މަޝްރޫއެއް ކަމަށެވެ.
"ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް މި މަޝްރޫޢަށް ނުކުރޭ،" މުއިއްޒުގެ ޓްވީޓުގައި ވެއެވެ.
ހުކުރު ދުވަހުގެ ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ރަސްރަނި ބަގީޗާގެ ވިންޓަރ ތީމް ޕާކުގެ މަސައްކަތް ނުނިމި ލަސްވަމުން ދަނީ އެތަނުގައި ހަދާ އިމާރާތަކީ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަކަށް ފިނިހޫނުމިން ދެމެހެއްޓޭނެ ތަނަކަށް ހެދުމަށްޓަކައި ގިނަ ވަގުތު ނަގާތީ ކަމަށެވެ.
"އެއީ ވަރަށް ތަފާތު ގޮތަކަށް ތަރައްގީ ކުރެވޭ ހުރިހާ ގޮތަކުން ބެލިޔަސް ތަފާތު ތަނެއް. އެ އިމާރާތުގެ ތެރޭގައި ހުންނާނީ ވިންޓާ ތަޖުރިބާ ކުރެވޭ ގޮތަށް ސްނޯ އުފައްދާ މެޝިނަކާ އެކު. އަދި އައިސް ސްކޭޓިން ވެސް ކުރެވޭނެ. މިގޮތަށް މާލޭގައި މި ފިނިހޫނު މިނުގައި އެތަން ސަސްޓެއިން ކުރެވޭނެ ގޮތްތައް ބެލުމަށް އެބަޖެހޭ ވަރަށް ގިނަ ޓެސްޓުތަކެއް ހަދަން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފްރާންސާއި ސުވިޓްޒަލޭންޑުގެ ކުންފުންޏެއްގެ ފެކްޓަރީއެއްގައި އެތަނަށް ބޭނުންވާ ސަމާނުތައް ތައްޔާރުކޮށް މިހާރު ރާއްޖެއަށް ސްނޯ މެޝިނާއި އިމާރާތް ކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރު ގެނެވިފައިވާ ކަމަށެވެ.
އެތަން ރޭވުމަށް ޓަކައި ފުރަތަމަ އަޅަން ޖެހޭ ފައުންޑޭޝަންނާއި ކުރަން ޖެހޭ ކޮންކްރީޓު ހުރިހާ މަސައްކަތެއް ވެސް މިހާރު ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ކޮންކްރީޓް ބިންގާގެ މައްޗައް އެތަން ރޭވުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށާއި އެއަށް ފަހު 45 ދުވަހުގެ ތެރޭގައި މުޅި އިމާރާތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.