ދިމިޝްގު (މާޗް 11): ސީރިއާގެ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އިރުމަތީ ގޫތާއަށް ސަރުކާރުގެ ފައުޖުތަކުން ދެމުންދާ ހަމަލާތަކުގައި މަރުވި އާއްމުންގެ އަދަދު 1000 އަށް ވުރެ އިތުރުވެފައިވާ ކަމަށް ސީރިއާ ހަނގުރާމަ މޮނިޓާ ކުރާ ގުރޫޕަކުން ބުނެފި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި މިދިޔަ މަހުގެ 18ގައި ގޫތާއަށް ދޭން ފެށި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 215 ކުޑަކުދިންނާއި 145 އަންހެނުން ހިމެނެ އެވެ. އަދި ހުކުރު ދުވަހު އެކަނި ވެސް ގޫތާގައި 49 މީހަކު މަރުވެ، 200 މީހުން ޒަހަމްވި ކަމަށް ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީން ބުންޏެވެ.

ސީރިއާގެ ފައުޖުތަކުން މިހާރު ވަނީ އިރުމަތީ ގޫތާގެ ދެބައިކުޅަ އެއްބައިގެ ކޮންޓްރޯލު އަތުލައިފަ އެވެ. އަދި ރަޝިއާގެ އެހީއާ އެކު ސީރިއާ ސަރުކާރުން ވަނީ ގޫތާ ތިން ބަޔަކަށް ބަހާލައި އެ ސަރަހައްދުތަކުގައި އިދިކޮޅު ފަރާތްތައް ވަށާލައިފަ އެވެ.

ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން ސީރިއާ ސަރުކާރުން ހިސާރުކޮށްފައިވާ އިރުމަތީ ގޫތާގައި ދިރިއުޅޭ މީހުންގެ އަދަދު 400،000 އަށް އަރަ އެވެ. އޭގެ ތެރެއިން 272،500 މީހުންނަކީ އެހީ ބޭނުންވާ މީހުން ކަމަށާއި ނަމަވެސް ސީރިއާ ސިފައިންދޭ ހަމަލާތަކުގެ ސަބަބުން އެކަށީގެންވާ ވަރަށް އެހީ ނުފޮނުވޭ ކަމަށް އދ.އިން ބުނެ އެވެ. (އަލްޖަޒީރާ)