24 Aug 2011, 12:51
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ފަށާފައިވާ 180ގެ ދުވަހުގެ ތަރައްގީގެ ޕްރޮގްރާމުގައި ހިމެނޭ މަސައްކަތްތަކުގެ ބޮޑުބައެއް ނިމި އެ ޕްލޭން ނިމުމަކާ ގާތްވެފައިވާ ކަމަށް އެއާޕޯޓް އޮޕަރޭޓް ކުރާ އިންޑިޔާގެ ޖީއެމްއާރު ކުންފުނިން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އެއާޕޯޓު ތަރައްގީ ކުރުމާ ހަވާލުވި އެ ކުންފުނިން މިއަދު އާންމުކޮށްފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕްރޮޖެކްޓް ހިންގުމަށް ދިމާވި ތަފާތު ދަތިތަކާ ހުރެ ވެސް އެއާޕޯޓް ތަރައްގީކުރުމުގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން އެއާޕޯޓް ބޭނުންކުރާ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ އާންމު ހިދުމަތްތައް ގާއިމްކޮށް ނިމި އެ ހިދުމަތް ދެމުން އަންނަ ކަމަށެވެ. އެ ހިދުމަތްތަކުގެ ތެރޭގައި އެރައިވަލް އަދި ޑިޕާޗާބައިގައި މުޅިން އައު ދެ ބެގެޖް ބެލްޓް ގާއިމްކުރުމާއި އިތުރު ޗެކްއިން ފަސް ކައުންޓަރުބެހެއްޓުމާއި އަދި އައު ސްކޭން މެޝިންތަކެއް ބެހެއްޓުންހިމެނޭ ކަމަށެވެ.
އެ ހިދުމަތްތަކުގެ ސަބަބުން އެއާޕޯޓުގައި މީހުން ތޮއްޖެހި ހިދުމަތްހޯދުމަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އެއާޕޯޓުގެ ހިދުމަތްހޯދާ ފަރާތްތަކަށް ފަސޭހަ ކަމާއި ހިތްހަމަޖެހުމާ އެކު ހިދުމަތް ލިބިގަތުމަށް މި ހިދުމަތްތަކުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ އެވެ. އަދި އެއާޕޯޓު ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް އަންނާނެ އެވެ،" ޖީއެމްއާރުގެ ބަޔާނުގައިވެ އެވެ.
ޖީއެމްއާރުން އަންނަނީ އެއާޕޯޓްގެ އައު ލޯންޖު އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުންނެވެ.
"އޭރުން ރާއްޖޭގެ ރީތިކަން އެއާޕޯޓުން އިތުރަށް ފެނިގެން ދާނެ އެވެ،" ޖީއެމްއާރުގެ ބަޔާނުގައިބުނެފައިވެ އެވެ.
އެއާޕޯޓުގެ އިންފުރާސްޓްރަކްޗާއަށް ގެންނަން ޖެހޭ އިތުރު ބަދަލުތައް ގެނައުމަށް އަހަރުތަކަކަށް ބަހާލައިގެން މެދު ރާސްތާ ޕުރޮގްރާމްތަކެއް ކުރިއަށް ގެންދާނެ ކަމަށް ޖީއެމްއާރުންބުންޏެވެ.