11 Mar 2018, 09:13
ބޮލީވުޑް އެކްޓަރު ނަވާޒުއްދީން ސިއްދީގީ ޤާނޫނާ ޚިލާފަށް އޭނާގެ އަނބިމީހާގެ ފޯނު ކޯލުތަކުގެ މައުލޫމާތު ހޯދައި، އަނބިމީހާއަށް ފާރަލައިފައި ވާކަމަށް ތުހުމަތުކޮށް، ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ، ޤާނޫނާ ޚިލާފަށް މީހުންގެ ފޯން ކޯލް ރެކޯޑިންތައް ހޯދައި އޭގެ ވިޔަފާރިކުރަމުން ދިޔަ 11 މީހަކު ހައްޔަރުކޮށް ކުރިއަށް ގެންދިޔަ ތަހުގީގުންނެވެ.
މިދިޔަ ހުކުރު ދުވަހު މަހާރާޝްތުރަ ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ތިން ޕްރައިވެޓް ޑިޓެކްޓިވުން ހިމެނޭ ކަމަށެވެ.
އަދި އޭގެ ތެރެއިން އެކަކު ވަނީ ނަވާޒުއްދީންގެ އަނބިމީހާގެ ކޯލް ރެކޯޑިންގްތައް ހޯދުމަށް ނަވާޒުއްދީންގެ ވަކީލު، ރިޒްވާން ސިއްދީގީއަށް އެހީތެރިވެދީފައެވެ.
އެކަމާ ގުޅިގެން ސުވާލު ކުރުމަށް ފުލުހުން ވަނީ ނަވާޒުއްދީންގެ އިތުރުން، ރިޒްވާން އާއި ނަވާޒުއްދީންގެ އަނބިމީހާއަށް ވެސް ފުލުހަށް ހާޒިރުވުމަށް އަންގައިފައެވެ.
ފުލުހުން ބުނެފައި ވަނީ ނަވާޒުއްދީން އޭނާގެ އަނބިމީހާގެ ކޯލް ރެކޯޑިންތައް ހޯދައިފައި ވަނީ ދެމަފިރިންގެ ދޭތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އެކަން ޔަގީން ކުރެވޭނީ ނަވާޒުއްދީންގެ ބަޔާނަށް ފަހު އެވެ.
ނަވާޒުއްދީން އަދި ފުލުހަށް ހާޒިރުވެފައި ނުވި ނަމަވެސް، އޭނާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަވާޒުއްދީން ބުނީ އެއީ އެއްވެސް ކަހަލަ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.