ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. ކުޑަކޮށް ފަރުވާކުޑަ ކޮށްލެވުނަސް ހަމުގެ ގިނަ މައްސަލަތަކެއް ދިމާވެ އެވެ. އެހެންކަމުން ހަންގަނޑަށް ފަރުވާތެރިވެ، ހަންގަނޑު ތާޒާކަން މަތީ ބެހެއްޓުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހެ އެވެ.

ގިނަ ފަހަރަށް ހަމުގެ މައްސަލަތައް ދިމާވަނީ އަމިއްލަ އިހުމާލުގެ ސަބަބުންނެވެ. ދިރިއުޅުމުގެ އާދަތައް ބެހެއްޓޭ ގޮތުން ނޭނގުމުގެ ތެރޭގައި ވެސް ހަމަށް ގެއްލުން ދެވެއެވެ. އެހެންކަމުން އެފަދަ އާދަތައް ދެނެގަނެ، އެކަންކަމުން ދުރުވުމަކީ މުހިންމު ކަމެކެވެ.

1. ލޫފާ ބޭނުން ކުރުން

ފެން ވަރާއިރު ގައިން ރަނގަޅަށް މިލަ ފިލުވުމަށް، ބާތު ސްކްރަބް ނުވަތަ ޝަވާ ޖެލް އާއެކު ވަރަށް ގިނަ މީހުން ލޫފާ ނުވަތަ ބާތު ސްޕޮންޖު ބޭނުން ކުރެ އެވެ. މިގޮތަށް ގަދަޔަށް ގައި އުނގުޅުމުން މިލަ ފިލައި ހަންގަނޑު ސާފުވި ނަމަވެސް، ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ. އެގޮތުން ހަން ފޮޅި، ގައިގައި ބިހި ނަގައި، ހަންގަނޑު ހިރުވާ ގޮތް ދިމާވެ އެވެ.

2. މާ ހޫނު ފެނުން ފެންވެރުން

ހޫނު ފެނުން ފެންވަރާލުމަކީ ދުވަހުގެ ވަރުބަލިކަން ފިލުވައިލައި ތަޒާކޮށްލާ ކަމެކެވެ. ނަމަވެސް އެއީ ހަންގަނޑަށް މާ ރަނގަޅު ކަމެއް ނޫނެވެ. އާދަވެގެން ކޮންމެ ދުވަހަކު ހޫނު ފެނުން ފެންވެރުމަކީ ހަންގަނޑުގައި ހުންނަ ގުދުރަތީ ތެޔޮކަން ކަނޑުވާލައި، ހަންގަނޑު ހިކުމަށް މެދުވެރިވާ ކަމެކެވެ.

3. ނިދުމުގެ ކުރިން މޫނު ނުދޮވުން

ދުވާލު ބުރަކޮށް އުޅުމަށްފަހު ގެއަށް އައިސް ޖައްސާލާ ގޮތަށް ނިދުމަކީ ގިނަ ބަޔަކަށް ވާގޮތެވެ. ނަމަވެސް މިއީ ހަންގަނޑަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. ނިދުމުގެ ކުރިން މޫނު ނުދޮންނަ ނަމަ މޫނުގައި ބިހި ނަގައި ލަކުނު ލުމަށް މަގުފަހިވެ އެވެ. ހަމުގެ ޑޮކްޓަރުން ލަފާދެއްވާ ގޮތުގައި ދުވާލަކު މަދުވެގެން ދެ ފަހަރު ރަނގަޅަށް މޫނު ދޮންނަން ވާނެ އެވެ. އަދި ޚާއްސަކޮށް ނިދުމުގެ ކުރިންނެވެ. ގިނައިން ދާހިއްލާ ނަމަ، ގިނައިން މުނު ދޮންނާށެވެ. މޫނު ދޮންނަ އިރު ރަނގަޅު މޮއިސްޗުރައިޒިންގ ކްރީމް އެއް ބޭނުން ކުރާށެވެ.

4. ސަންސްކްރީން ހަނދާން ނައްތާލުން

ސަންސްކްރީން އަކީ އަވީގެ ސަބަބުން ހަންގަނޑަށް ދިމާވާ މައްސަލަތައް ކުޑަކޮށްދޭ އެއްޗެކެވެ. އޭގެ ތެރޭގައި ހަމުގެ ކެންސަރު ވެސް ހިމެނެ އެވެ. އެހެންކަމުން ސަންސްކްރީން އަކީ ހަމައެކަނި މޫދަށް ދާއިރު އުނގުޅާ އެއްޗަކަށް ހެދުމުގެ ބަދަލުގައި، ކޮންމެ ދުވަހަކު ވެސް ސަންސްކްރީން ބޭނުން ކުރަން އާދަކުރާށެވެ. އޭރުން ހަންގަނޑު އެނދުމުން ދުރުކޮށްދީ، ގިނަ ދުވަހަށް ހަންގަނޑު ޒުވާން ކަންމަތީ ބަހައްޓައިދޭނެ އެވެ.

5. ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަންގަނޑު ވަރަށް އަވަހަށް މުސްކުޅި ކޮށްލާ ކަމެކެވެ. ހަންގަނޑުގައި ރޫޖެހި، ހަމުގެ ތާޒާކަން ގެއްލެ އެވެ. އެކަމުގެ ސަބަބުން މީހާގެ އުމުރަށް ވުރެ ދުވަސްވީ ކަމަށް ދައްކައެވެ.

6. އެކަށީގެންވާ ވަރަށް ނިދި ނުލިބުން

"ބިއުޓީ ސްލީޕް" ކިޔަނީ ނަމެއްގައެއް ނޫނެވެ. އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ނަމަ ހަންގަނޑުގެ ރީތިކަމާއި ތާޒާކަން ގެއްލެ އެވެ. އެއީ މީހާ ނިދާފައި އޮންނަ ވަގުތު، ހަށިގަނޑުގެ ސެލްތައް ރީޖެނެރޭޓް ވާތީ އެވެ. އެހެންކަމުން ނިދި މަދުން ލިބޭ ނަމަ ލޯ ކައިރި ކަޅުވެ، ހަންގަނޑުގައި ރޫޖެހި، ހަމުގެ ތާޒާކަން ގެއްލެ އެވެ.