ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ތަހުގީގުގައި ފުރަތަމަ ފަހަރަށް ސުވާލު ކުރި ނަމަވެސް ތަހުގީގަށް އެއްބާރުލުން ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް ވަކީލުންގެ ޓީމުން ބުނެފިއެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ، މ. އެންދެރިމާގޭގައި ހުންނަވަނިކޮށް އެ ގޭގެ ދޮރުވައްޓާލައިގެންނެވެ. މައުމޫން ހައްޔަރުކޮށް ހަމަ އެރޭ ވަނީ ދޫނިދުއަށް ގެންގޮސްފަ އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފައިސަލް ވިދާޅުވީ 33 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ފުރަތަމަ ފަހަރަށް މިއަދު ފުލުހުން މައުމޫނާ ސުވާލުކޮށްފައިވާ ކަމަށެވެ. މައުމޫންގެ މައްޗަށް ފުލުހުން ކުރާ ހުރިހާ ތުހުމަތުތަކަކަށް އެމަނިކުފާނު އިންކާރު ކުރެއްވި ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އަދި ގާނޫނާ ޚިލާފް އެއްވެސް ތަހުގީގަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ.