ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ގޯލުން 2-1ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން އެއިބާ ބަލިކޮށްފިއެވެ.

ސްޕެނިޝް ލަލީގާގައި މިރޭ ރެއާލުން އެއިބާއާ ދެކޮޅަށް ކުޅެފައިވަނީ ރަށުން ބޭރުގައެވެ. މެޗުން މޮޅުވެ ރެއާލް ވަނީ އަނެއްކާވެސް ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ.

ވެލެންސިއާއަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައި ރެއާލް ތިންވަނައިގައި އޮތް އިރު، އެއްވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ ރެއާލްއާ 15 ޕޮއިންޓްގެ ފަރަގެއްގައެވެ.

އެއިބާގެ ޑިފެންޑަރު އިސްކޯގެ ފަޔަށް ކުރި ޓެކުލަކާއެކު އޭނާ ވެއްޓެނީ --- ފޮޓޯ/ އޭޕީ

މިރޭގެ މެޗު ފެށިގެންވެސް މޮޅަށް ކުޅެ، ގިނަ ވަގުތު ބޯޅަ ހިފެހެއްޓީ ރެއާލުންނެވެ. ރެއާލުން ކުޅެމުންދިޔަ ގިނަ ޕާސްތަކުގެ ފައިދާ ނަގައި އެޓީމުން ލީޑު ނެގީ މެޗުގެ 34 ވަނަ މިނެޓުގައެވެ. އެއިބާގެ ޑިފެންސް މަތިން ލޫކާ މޮޑްރިޗް އެއްލި ބޯޅައަށް އޭރިއާ ތެރެއަށް ވަދެ ނިންމާލީ ރޮނާލްޑޯއެވެ.

ފުރަތަމަ ހާފް 1-0ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެ ނިންމާލި އިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި އެއިބާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމަށް ލިބުނު ކޯނަރުގެ ބޭނުން ހިފައި މެޗުގެ 50 މިނެޓުގައި ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު އިވާން ރާމިސް ބޮލުން ވައްދާލި ގޯލުންނެވެ.

މެޗުގެ ނަތީޖާ ހަމަހަމަވެގެން ނިމެން ދަނިކޮށް މެޗުގެ 84 ވަނަ މިނެޓުގައި ރޮނާލްޑޯގެ ދެވަނަ ގޯލުން ރެއާލަށް ތިން ޕޮއިންޓް ކަށަވަރުވެގެންދިޔައެވެ. އެއީ މިސީޒަންގައި ރޮނާލްޑޯ ކާމިޔާބުކުރި 33 ވަނަ ގޯލެވެ. ރޮނާލްޑޯ ވަނީ އޭނާ އެންމެފަހުން ކުޅުނު ހަތް މެޗުގައި 13 ގޯލް ޖަހައިފައެވެ.

އެއިބާ ކޮޅަށް ގޯލު ޖެހުމަށްފަހު، ރެއާލްގެ ކުޅުންތެރިންނާއެކު ރޮނާލްޑޯ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

މިދިޔަ ހަފްތާގައި ޕީއެސްޖީ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރި ރެއާލުން މިސީޒަން ފެށީ ދަށް ފޯމެއްގައި ނަމަވެސް މިހާރު އެޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ.