24 Aug 2011, 12:37
ޗެމްޕިއަންސް ލީގު ކޮލިފައިންގެ ދެވަނަ ލެގުގައި އުދިނޭސީއާއި އާސެނަލް ބައްދަލުކުރާ މެޗުގެ އިތުރުން އިތުރު ދެމެޗަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ޔޫއެފާ އިން ކުރި ސަސްޕެންޝަން ފަސްކޮށްދިނުމަށް އެކުލަބުން އެދިއްޖެ އެވެ.
ކޮލިފައިންގެ ފުރަތަމަ ލެގު މެޗުގައި ސަސްޕެންޝަނުގައި ކުޅިބަލަންހުރެ އާސެނަލްގެ އެސިސްޓެންޓް ކޯޗާއި މުޢާމަލާތުކުރުމުން ޔޫއެފާ އިން ވަނީ ދިހަ ހާސް ޔޫރޯގެ ޖޫރިމަނާއަކާ އެކު ދެމެޗަށް ވެންގާ ސަސްޕެންޑުކޮށްފަ އެވެ.
އާސެނަލްގެ ކޯޗްގެ ފުރަތަމަ ސަސްޕެންޝަން ފެށުނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ބައްދަލުކުރި
މެޗުގައި ވެންގާގެ އަމަލުތައް ހުރިގޮތުންނެވެ.
"ޗެމްޕިއަންސް ލީގު ކޮލިފައިނުގެ ފުރަތަމަ ލެގުގައި އުދިނޭސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޗް ވެންގާ ގަވާއިދާ ހިލާފުވުމުން އިތުރު ދެމެޗަށް ޔޫއެފާ ކުރި ސަސްފެންޝަން ފަސްކޮށްދިނުމަށް އާސެނަލްއިން ވާނީ އެދިފައި. ޔޫއެފާ އިން މިކަން އިތުރަށް ބަލައި މިއަދު ޖަވާބެއް އަރުވާނެކަމަށް ހާމަކޮށްފައިވޭ." އާސެނަލްއިން ނެރުނު ބަޔާނެއްގައިވެ އެވެ.
ވެންގާގެ ސަސްޕެންޝަން ޔޫއެފާ އިން ފަސްނުކުރުމަށް ނިންމައިފި ނަމަ މިރޭ އުދިނޭސީ އާ ދެކޮޅަށް އެކުލަބުގެ އަމިއްލަ ދަނޑުގައި އާސެނަލާއި ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު މެޗުގައި ވެސް އާސެނަލް ކޯޗް އިންނަން ޖެހޭނީ ކުޅިބަލަންށެވެ. ފުރަތަމަ ލެގުގައި އާސެނަލް ދަނޑުގައި ބައްދަލުކުރި މެޗުން 1-0 ލަނޑުން އެޓީމު މޮޅު ވެފައިވުމުން މިރޭ ކުޅޭ މެޗުން މޮޅުވުމަށް އުދިނޭސީއަށް މަޖުބޫރުވާނެ އެވެ.