10 Mar 2018, 23:19
ސްރީލަންކާގެ ކެންޑީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެ ޑިސްޓްރިކްޓްގައި އިއުލާނުކޮށްފައި އޮތް ކާފިއު އުވާލައިފިއެވެ.
މި މަހުގެ ހަވަނަ ދުވަހު ކެންޑީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިއުލާނު ކުރި ކާފިއު އުވާލީ މިހާރު އެ ސަރަހައްދުގެ ސެކިއުރިޓީ ކަންތައް ހަމައަކަށް އެޅުމުން ކަމަށް ފުލުހުންނާއި ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނެއެވެ.
ނަމަވެސް މުސްލިމުންގެ އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހުއްޓަނުލާނެކަމަށް ވަނީ ބުނެފައެވެ.
ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ އެގައުމުގައި ހިނގަމުންދާ ދީނީ ހަމަނުޖެހުންތަކުގެ ފަހަތުގައިވާ މީހުން ހޯދައި، ފިޔަވަޅު އެޅުމަށް ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.
މުސްލިމުންގެ ތަންތަނަށް ދިން ހަމަލާތަކުގައި ބުޑިސްޓުންގެ 150 މީހުން ހައްޔަރުކޮށްފައިވާއިރު އެ ހަމަލާތަކުގައި ތިން މީހުން މަރުވެ މުސްލިމުންގެ މިސްކިތްތަކަށާއި ފިހާރަތަކަށް ވަނީ ގެއްލުންދީފައެވެ.
ދެހާސް ސާދަވަނަ އަހަރުވެސް ބޮޑު ބަލަ ސޭނާއަށް ނިސްބަތްވާ ބުދުދީނުގެ ހަރުކަށި ވިސްނުމުގެ ހާމުދުރުން ވަނީ ލަންކާގެ އަލުތުގަމަ އަދި ބޭރުވަލަ ޓައުނުގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރުދީ، އަދި ހަމަނުޖެހުން ހިންގައިފައެވެ.
ސްރީލަންކާގެ އާބާދީގެ 74 ޕަސަންޓަކީ ބުދުދީނަށް އަޅުކަންކުރާ، ސިންހަލަ ނަސްލުގެ މީހުންނެވެ. މުސްލިމުންނަކީ އެގައުމުގެ ޖުމްލަ އާބާދީގެ 10 ޕަސަންޓެވެ.